ENGLISH

25 އޮކްޓޯބަރު 2025

Advertisement

އެފްއޭއެމް ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބޭއްވި ޚާއްޞަ މެޗުގައި ރައީސް އާއި ފީފާގެ ރައީސް ބައިވެރިވެވަޑައިގަތުން

24 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބޭއްވި ޚާއްޞަ އެގްޒިބިޝަން މެޗެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ ރައީސް ޖިއަނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެންފި. މިއީ ފީފާގެ ރައީސް އިންފަންޓީނޯ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތާ ގުޅިގެން އިންތިޒާމުކުރި ފުޓުބޯޅަ މެޗެއް. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަތް. އަދި ފީފާގެ ރައީސްގެ ޓީމުގައި އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މާކޯ މަޓަރާޒީގެ އިތުރުން، ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ނަންވިދާލި ގިނަ ޢަދަދެއްގެ ކުޅުންތެރިން ހިމެނިވަޑައިގަތް. މި މެޗު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ، ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމުން. މިއަދުގެ މެޗު ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް ވަނީ، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ އިފުތިތާޙުކޮށްދެއްވާފަ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް އަދި މެޗުގައި ބައިވެރިވެވަޑައިގެންނެވި މަޝްހޫރު ކުޅުންތެރިން ވަނީ، ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބައިވެރިވާ ޓީމްތަކުގެ ކުދިންނަށް އޮޓޯގްރާފް ދެއްވާފަ.

ކިޔުންތެރިންގެ ހިޔާލު