ENGLISH
25 އޮކްޓޯބަރު 2025
ފީފާގެ ރައީސަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް
24 އޮކްޓޯބަރު 2025
|
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ޒިޔާރަތްކުރެއްވުން، ފޮޓޯ: ފީފާ
ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންފަންޓީނޯ ރާއްޖެއަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވަންވަނީ ހަމަޖެހިފައެވެ. އޭގެ އިތުރަށް އެފްއޭއެމްގެ ވެރިންނާއި ފުޓުބޯޅަ ކުލަބުތަކުގެ ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގާމެދު މަޝްވަރާކުރައްވާނެއެވެ.
ވީއައިއޭގެ ވީއައިޕީ ޓާމިނަލުން އިންފަަންޓީނޯ ނުކުމެވަޑައިގަތުމުން، އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން ބައެއް ސަގާފީ ހަރަކާތްތައް ބާއްވާފައިވެއެވެ. އަދި އޭނާގެ އިސްތިގުބާލުގައި ކުޅިވަރުގެ ދާއިރާގެ އެކި ފަންތީގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގެން ތިއްބެވިއެވެ.
އިންފަަންޓީނޯގެ ޝަރަފުގައި ހާއްސަ ފުޓުބޯޅަ މެޗެއް މިއަދު ހަވީރު ކުޅުމަށްވަނީ ރޭވިފައެވެ. އެ މެޗު އޮންނާނީ ހަވީރު 16:00 އިން ފެށިގެން 18:00 އަށެވެ.
މީގެ 19 އަހަރު ކުރިން 2006 ވަނަ އަހަރު ފީފާގެ އެއިރުގެ ރައީސް ސެޕް ބްލެޓާ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވިފަހުން ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންފައިނުވެއެވެ. އެހެންކަަމުން އިންފަންޓީނޯގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓުބޯޅައަށް ހާއްސަ ދަތުރުފުޅެެކެވެ.
އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން އެފްއޭއެމްގެ ރައީސް އަހްމަދު ތާރިގުވަނީ ފީފާއިން ދިން ދައުވަތަކަށް އެ ޖަމްއިއްޔާގެ މައި މަރުކަޒަށް ޒިޔާރަތްކުރައްވައި އިންފަންޓީނޯއާ ބައްދަލުކުރައްވާފައެވެ.