ENGLISH

24 އޮކްޓޯބަރު 2025

Advertisement

ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގުން: ހަވަނަ މީހަކު ހައްޔަރު ކޮށްފި

23 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު (54އ)

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހަވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން އިތުރު މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު (54އ) އެވެ.

އާދަމް ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ. 

އެ މައްސަލައާއި ގުޅިގެން މީގެ ކުރިން ހައްޔަރުކުރީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒު އަލީ އާއި، ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއެކު ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒިވާރު އިސްމާއީލް އާއި ލިންކް / ކ.ތުލުސްދޫ، ހަސަން އަބްދުއްރަޙްމާން (52އ) އެވެ.

ސިނގިރޭޓް ވައްކަމާ ގުޅިގެން ތިލަފުށީގައި މި މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ވަގަށް ނަގާފައިވާ ދެ ކޮއިންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްކުރާ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮއިންޓެއިނާ ސިނގިރޭޓް ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހު 9 ވަނަ ދުވަހު އެވެ.

ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެ ކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު