ENGLISH

24 އޮކްޓޯބަރު 2025

Advertisement

ޔޫއްޕެގެ "އިލްޒާމް" - އެންމެން ދައްކަނީ ފިލްމުގެ ރީތި ވާހަކަ

23 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ޔޫއްޕެގެ "އިލްޒާމް" ގެ ޕްރިމިއާ ނައިޓް --

ކުޅަދާނަ ޑައިރެކްޓަރު / އެކްޓަރު، ޔޫސުފް ޝަފީޢުގެ އައު ފިލްމް "އިލްޒާމް" ޕްރިމިއާ ކުރީ އޭނާގެ އުފަން ދުވަހާއި ދިމާކޮށް މި މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ފަހުން ހައުސް ފުލް ޝޯތައް ދަނީ ދައްކަމުންނެވެ.

ކޮންމެ ރެއެއްގެ ފިލްމު ދައްކާ ނިމުމާއެކު އޮލިމްޕަސް ގުގުމާލަނީ ބެލުންތެރީންގެ ހޫނު އަތްތިލަ ބަޑިއަކުންނެވެ. ސަބަބަކީ ފިލްމު މާ ބޮޑަށްވެސް ކަމުދިޔައީ އެވެ. ހީކުރި ވަރަށް ބޮޑަށް ޔޫއްޕެގެ ޑްރީމް ޕްރޮޖެކްޓް މޮޅީ އެވެ.

"މިއީ މި ފަހުން ބަލާލެވުނު އެންމެ ރީތި ފިލްމް. ވަރަށް އިބްރަތްތެރި ފިލްމެއް. ހަމަ އަސްލު ވެސް މިއީ އެންމެންގެ ފިލްމެއްް،" ރޭ ފިލްމް ބެލި މީހަކު އޮލިމްޕަހުން ނިކުމެ އެމްއެމްޓީވީގެ ކްރޫއާ ވާހަކަ ދައްކަމުން ބުންޏެވެ.

ޔޫއްޕެގެ "އިލްޒާމް" ގެ ޕްރިމިއާ ނައިޓް --

އެންމެން ވެސް ފާހަގަ ކުރާ އެއް ކަމަކީ މިއީ މުޖްތަމައުއާ ވަރަށް ގުޅޭ ފިލްމެއް ކަމެވެ. ވަރަށް ގިނަ އިބްރަތްތަކެއް ލިއްބައިދޭ ފިލްމެއް ކަމެވެ. ފިލްމުގެ ވާހަކަ ޝައުގުވެރިވުމެވެ. ގެނެސްދީފައިވާ ގޮތް ފުރިހަމަ ކަމެވެ. ސަސްޕެންސް އެކުލެވިފައިވުމެވެ. އެކްޓަރުންގެ މޮޅު އެކްޓިން އެވެ. މަންޒަރުތަކުގެ ފުރިހަމަ ކަމާއި ރީތި ކަމެވެ.

"ތެދަށް ބުނާނަމަ މި ފިލްމަށް އައީ ވެސް މިއީ ޔޫއްޕެގެ ޑްރީމް ޕްރޮޖެކްޓެކޭ ބުނީމަ. އަލަށް މި ވަނީ ސިނަމާއަށް ފިލްމެއް ބަލަން. ނިކުމެގެން މިއައީ އެއްވެސް ޑިސަޕޮއިންޓްވުމެއް ނެތި. ފިލްމު ވަރަށް ރީތި،" އޮލިމްޕަހުން ފުރަތަމަ ބެލި ފިލްމަކީ އިލްޒާމްކަން ފާހަގަކޮށް ޒުވާނަކު ބުންޏެވެ.

ތަރުޙީބު ބޮޑު, ދަންވަރު ޝޯތައް ހައުސް ފުލް

މި ފިލްމް އެޅުވި ފަހުން މިރޭ ފުރަތަމަ ހަފްތާ ބަންދު ބައްދަލު ކުރީ އެވެ. މިހާތަނަށް ދެއްކި ހައުސް ފުލް ޝޯ ތަކާއެކު ހަފްތާ ބަންދުގެ ދަންވަރު ޝޯތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މިރޭގެ ޝޯ ވެސް ހައުސް ފުލް އެވެ.

މާދަމާ ރޭ ވެސް ދަންވަރު ޝޯ އޮންނާނެ އެވެ. އެ ޝޯގެ ޓިކެޓްތައް މިހާރު ދަނީ ވިއްކަމުންނެވެ.

ޔޫއްޕެގެ "އިލްޒާމް" ގެ ޕްރިމިއާ ނައިޓްގައި ޔޫއްޕެއަށް ޚާއްސަކޮށް ނެރުނު ސެންޓް އިފްތިތާހުކޮށް ދެނީ -- 

ޔޫއްޕެގެ އެންމެ މޮޅު އެއް ސްކްރީންޕްލޭ

ޔޫސުފް ޝަފީޢުއަކީ ހަމައެކަނި މޮޅު އެކްޓަރެއް، ޑައިރެކްޓަރެއް ނޫނެވެ. އެއީ ވަރަށް މޮޅު ލިޔުންތެރިއެކެވެ. މިހާތަނަށް ޔޫއްޕެ ލިޔެފައިވާ ސްކްރީންޕްލޭތަކަށް އެވޯޑް ލިބިފައިވެ އެވެ. "ދެވަންސޫރަ" އަކީ އެފަދަ ނަމޫނާ އެކެވެ.

އެކަމަކު "އިލްޒާމް" މިއީ ޔޫއްޕެގެ އެންމެ މޮޅު އެއް ސްކްރިޕްޓޭ ބުނަން ޖެހެ އެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ފިލްމުގައި ސަސްޕެންސް ގެނެސްފައިވާ ގޮތެވެ. ދެންވާނެ ގޮތަކާމެދު އަބަދުހެން އިންނަން ޖެހެނީ ޝައުގުވެރިކަމާއެކު ސުވާލެއްގަ އެެވެ. މިއީ ވަރަށް މަދުން ނޫނީ ދިވެހި ފިލްމަކުން ނުފެންނަ ކަމެކެވެ.

ފިލްމުގައި ދައްކުވައިދޭ ހުރިހާ ހާދިސާތައް ގެނެސްދީފައި ވަނީ ވަރަށް ފުރިހަމައަށެވެ. ހާލަތާއި ގުޅޭ ބަސްތަކާއި ލަފްޒުތައް ހިމަނާފައިވެ އެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ފިލްމުގައި ހިނގާ ހުރިހާ ކަމެއް ފުރިހަމައަށް ހުށަހަޅައިދީފައިވުމެވެ. ވަށާޖައްސާފައިވުމެވެ.

ސީރިއަސް އެތައް ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގައި ހިއުމާ ހިފަހައްޓަން ދޭތެރެދޭތެރެއިން އަންނަ ހެއްވާ މަޖާ ކަންކަމުން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.

ޔޫއްޕެގެ މި ސްކްރީންޕްލޭއަށް ދޭން އޮތީ 100 އަކުން 100 އެކެވެ. މިއީ އެވޯޑް އުފުލާނެ މޮޅު ސްކްރީންޕްލޭ އެކެވެ.

އެކްޓަރުންގެ އެކްޓިންއަށް 100

"އިލްޒާމް" މޮޅު، އާދަޔާ ޚިލާފު މޮޅު ފިލްމެއްގެ ގޮތުގައި ބެލުންތެެރީންނާއި ހަމައަށް ގެނެވިފައި ވަނީ މި ފިލްމުގައި ހިމެނޭ ހުރިހާ އެކްޓަރުންނާއި އެކްޓްރެސްއިންގެ އެކްޓިންގެ ފުރިހަމަ ކަމުން ކަމުގައި ބުނަން ޖެހެ އެވެ.

މިފަދަ މަދު ފިލްމެއްގައި ނޫނީ ފިލްމުގެ ހުރިހާ ތަރީންގެ އެކްޓިން މި ލެވެލްގައި ފެނިފައެއް ނުވެ އެވެ. ވަރަށް ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމުގައި ގިނަ ތަރީންގެ ރޯލް ވަރަށް ބޮޑެވެ. މުހިންމެވެ. އެގޮތުން ޔޫއްޕެ، ފައިސަލް، ޝިފާ، ނިމާލް، ދަރާ ރަޝީދު، ޝަކީލާ، ޖުމައްޔިލް، އާމިރާ، ލައި އަދި ސައީދުގެ އެކްޓިން ފާހަގަކޮށްލަން ޖެހެ އެވެ. ޚާއްސަކޮށް މި ފިލްމުގައި ކުޑަކުއްޖެއްގެ ރޯލުން ފެންނަ ދަނގެތީ އަންހެން ކުއްޖާގެ އެކްޓިން ވަރަށް ރަނގަޅެވެ.

އެކްޓަރުންގެ އެކްޓިންގެ ވާހަކަ ވަކިވަކީން ލިޔަންވެއްޖެ ނަމަ އެކަމެއް ނުވާނެ އެވެ. 

ޔޫއްޕެގެ "އިލްޒާމް" ގެ ޕްރިމިއާ ނައިޓްގައި ދަރާ ރަޝީދު: މި ފިލްމުގައި ދަރާގެ ފަރާތުން ފެނުނީ މޮޅު އެކްޓިން އެއް

ބައެއް މަންޒަރުތަކުން ލޮލުން ކަރުނަ ފާއްދާލަ އެވެ. ބައެއް މަންޒަރުތަކުން ހިތްކުދިކުދިވެ އެވެ. އަނިޔާވެރި އަމަލުތައް ދައްކުވައިދޭ މަންޒަރުތަކުން ރުޅިވެރިކަމުގެ އިހްސާސްތައް ކުރުވަ އެވެ. 

ފިލްމުގެ އެންމެ ޚާއްސަކަމަކީ ބޭކާރު އެއްވެސް މަންޒަރެއް ހިމަނާފައި ނުވުމެވެ. ކޮންމެ މަންޒަރަކީ ވެސް ފިލްމަށް މުހިންމު މަންޒަރެކެވެ. މިވެނި މަންޒަރެއް ނެތްނަމަ ނުވަތަ އެވެނި މަންޒަރެއް ދައްކައިދިން ނަމަ ފިލްމު ވަރަށް ފުރިހަމަވީހޭ ބުނާނެ އެއްވެސް މަންޒަރެއް ނެތެވެ. ޔޫއްޕެގެ މި މަސައްކަތް އެހާވެސް މޮޅެވެ.

އިބްރަތުން ފުރިގެންވާ ފިލްމެއް, އެންމެން ބަލާލަން ޖެހޭ

ކުރީންވެސް ފާހަގަކުރި ގޮތަށް މިއީ ވަރަށް ގިނަ އިބްރަތްތައް ހާސިލްކޮށްދޭނެ މޮޅު ފިލްމެކެވެ. ހަމަ ޔަގީނުން ވެސް މިފަދަ ފިލްމެއް މިއިން ޒަމާނަކު ސިނަމާއިން ބަލާލަން ނުލިބެއޭ ބުނަން ޖެހެ އެވެ.

ފިލްމުން ދެނީ ކޮންމެ މީހަކަށް ވެސް މުހިންމު މެސެޖުތަކެކެވެ. އިބްރަތުން ފުރިވެގެންވާ މެސެޖުތަކެކެވެ. ހަޔާތުގެ ކުރު ކަމެވެ. ދިރިއުޅުމުގެ ހަޤީޤަތެވެ. މަރުވާނެ ކަމެވެ. މައިބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމު ކަމެވެ. އެ މީހުންނަށް އަނިޔާވެރިވެއްޖެ މީހެއްގެ ނިމުން އަންނަ ގޮތެވެ.

ޔޫއްޕެގެ "އިލްޒާމް" ގެ ޕްރިމިއާ ނައިޓްގައި ނިމާލްއާ ޝަކީލާ: މި ފިލްމުގައި މި ދެ ތަރީންގެ ފަރާތުން ފެނުނީ މޮޅު އެކްޓިން އެއް<br>

ކަންކަމުގެ ހަގީގަތް ބެލުމުގެ މުހިންމު ކަމެވެ. ކަމުގެ ދެކޮޅު ނުބަލާ ދޮގު "އިލްޒާމް" އެޅުވުމުގެ ނުރައްކާތެރި ކަމެވެ. ދެބަ އޮޑުވުމާއި ދޭތެރެ ޖެއްސުމުގެ ނުބައި ކަމެވެ. އެކަމުން ނުކުންނަ ނުބައި ނަތީޖާ އެވެ. އެފަދަ މީހެއްގެ ސަބަބުން މުޖްތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކެވެ. އާއިލާތައް ރޫޅި ބައިބައިވެގެންދާ ގޮތެވެ. ހިނގާ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތަކެވެ.

ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮންނަން ޖެހޭ ލޯތްބެވެ. ކިޔަމަންތެރި ދަރިއަަކަށް އާޚިރުގައި ލިބޭ ނަސީބާއި ކާާމިޔާބެވެ. މައްސަަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރުމުގެ މުހިންމު ކަމެވެ. ގޮތް ދޫކުރުމާއި ރުޅި އިސްނުކުރުމުގެ ފައިދާ އެވެ. މިހެން ގޮސް ކިތަންމެ އިބްރަތްތެރި މެސެޖްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު