ENGLISH
23 އޮކްޓޯބަރު 2025
50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
23 އޮކްޓޯބަރު 2025
|
ރާއްޖެއަށް މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދުއްވާފައި ދަނީ. ބޮޑު ބަޔަކަށް މިއަދު ވަނީ ރީނދޫ ސަމާލު ނެރެފަ.
ރާއްޖެއަށް މޫސުންގެ ގޯސްވެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފިއެވެ.
އެ އިދާރާއިން މިއަދު ހެނދުނު ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރުނީ ހެނދުނު 9:30 އިން މެންދުރު 1:30 އަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.
މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ކަނޑުދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރު ކުރުމުގައި ވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް ކަނޑުތައް މާބޮޑަށް ގަދަވެ، ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިއްޔެ ވެސް ތިން ފަހަރެއްގެ މަތީން ރީނދޫ ސަމާލު ނެރެފައެވެ.
މޫސުން ގޯސްވުމާއެކު، ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިދާރާތަކުން ވަނީ އެދިފައެވެ. އަދި، މޫސުން އެންމެ ގޯސްވާ ހާލަތުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަންނަނީ އިލްތިމާސްކުރަމުންނެވެ.