ENGLISH

23 އޮކްޓޯބަރު 2025

Advertisement

ނަޞްރުގެ ދުވަހާ ގުޅިގެން ނޮވެމްބަރު 2 ވަނަ ދުވަސް ސަރުކާރު ބަންދުކޮށްފި

23 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

މިދިޔަ އަހަރުގެ ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެމް.އެން.ޑީ.އެފްގެ އަސްކަރީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 3 ވަނަ ދުވަހު ފާހަގަކުރާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ނޮވެމްބަރު 2 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި ދެންނެވުމުގައި ބުނީ، 2025 ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ. 

ނޮވެމްބަރު 2 ވަނަ ދުވަސް ބަންދުކުރަން ނިންމީ، ނަޞްރުގެ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުންނެވެ. 

ނޮވެމްބަރު 2 ވާ އާދީއްތަ ދުވަސް ބަންދުކުރުމާއެކު، ހަފްތާ ބަންދު ހިމެނޭހެން ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ހަތަރު ދުވަސް ލިބޭނެއެވެ. 

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ހަރަކާތްތައް ބާއްވައިފައެވެ. އެގޮތުން އެދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އަސްކަރީ ޑިސްޕްލޭ ހަރަކާތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންފައިވެއެވެ. 

މިއަހަރުގެ ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް އިދާރާތަކުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު