ENGLISH
23 އޮކްޓޯބަރު 2025
މީޑިއާ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރަން ކޮމިޓީން ތާއީދުކުރީ ފަރުސަތަށް
23 އޮކްޓޯބަރު 2025
|
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަރުސަތުއާ، އިންޓަވިއު ކުރަނީ. --ފޮޓޯ: މަޖިލިސް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކަށް މުހައްމަދު ފަރުސަތު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތާއީދުކޮށްފި އެވެ.
މީޑިއާ ކޮމިޝަނުގެ ގާނޫނުގައި އޮންނަ ގޮތުން ކޮމިޝަނުގެ ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންވެ ހަތް މެންބަރުން ހިމެނޭ ކޮމިޝަނުގެ ރައީސަކު އައްޔަން ކުރުމުގެ ކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ހުރިހާ މެންބަރުންނާ ވެސް އިންޓަވިއުކޮށްފަ އެވެ. އޭގެ ފަހުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުވެވަޑައިގެންފައި ވަނީ މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުސަތު އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. ކޮމިޓީގެ މި ނިންމުމަށް މަޖިލީހުގެ ތަޅުމުގައި އަދި ވޯޓަށް އަހާނެ އެވެ. ކޮމިޝަނުގެ ރައީސް ކަމަށް ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގައި ނަގާ ވޯޓަށް ފަހު އެވެ.
އެކަމަކު ކޮމިޝަނުގެ ނައިބު ރައީސަކު ހޮވާނީ، މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.
މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން މަޖިލީހުން ކަނޑައަޅަނީ ތިން މެންބަރުންނެވެ. ފަރުސަތަކީ ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި މެންބަރެކެވެ. މަޖިލީހުން ދެން ކަނޑައެޅި މެންބަރުންނަކީ ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގު އަދި ބްރޯޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތެވެ.
މީޑިއާ ކޮމިޝަންގައި މީޑިއާތައް ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމުތަކަށް ކުރިމަތިލީ މެންބަރުން އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ. އެހެންވެ އިންތިޚާބަކާ ނުލައި މީޑިއާތައް ތަމްސީލުކުރާ ހަތަރު މަގާމަށް މެމްބަރުން ވަނީ ހޮވިފަ އެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި އަބްދުލް އަޒީޒު އިބްރާހިމް އަދި ޒަމްއަތު އަހުމަދު ވަހީދު އެވެ.
އެހެނިހެން މީޑިއާތައް ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި މީޑިއާ ކޮމިޝަނަށް އައްޔަނު ކޮށްފައިވަނީ ސިމާހާ ނަސީމް އަދި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސެން ސަގީފް އެވެ.
މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކުރަން ކޮމިޓީން ތާއީދުކުރި ފަރުސަތު މީގެ ކުރިން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަން އަދާކުރައްވައިފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަން ކުރައްވައިފައެވެ.