ENGLISH

23 އޮކްޓޯބަރު 2025

Advertisement

މީޑިއާ ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަން އިއުލާނުކޮށްފި

23 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ބިއްލޫރިޖެހި ގޭގައި ހުންނަ މީޑިއާ ކޮމިޝަނުގެ އިމާރާތް. ބޮޑު މުސާރައަކަށް އެސްޖީއެއް ހޯދަން ވަނީ އިއުލާނުކޮށްފަ. ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަން ސިވިލް ސަރވިސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ. 

އިއްޔެ އެ ކޮމިޝަނުން ކުރި އިޢުލާނުގައި ބުނީ ޝައުގުވެރިވާ ފަރާތްތަކުން އެ މަޤާމަށް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ. 

މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 15،000 ރުފިޔާއެވެ. އަސާސީ މުސާރައާއި ލިވިން އެލަވަންސާ އެކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ. 

އެސްޖީގެ މަޤާމަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަން ޖެހޭ ޝަރުތުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ހުށަހަޅާ ފަރާތް ވާންޖެހޭނީ އުމުރުން 30 އަހަރުން މަތީގެ ދިވެއްސަކަށް ކަމަށް ބުނެފައިވެއެވެ. އަދި، އެއްވެސް ނޫހެއްގެ މަސްޢޫލުވެރިއެއްގެ ގޮތުގައި އަދި އެޑިޓަރެއްގެ މަޤާމް އަދާކުރާ މީހަކަށް ވެގެންނުވާނެއެވެ. 

ތަޢުލީމީ ޝަރުތަށް ބަލާއިރު، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭނެއެވެ. 

އިތުރު ޝަރުތުތަކުގެ ތެރޭގައި ޤާނޫނޫއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަނުކުރެވޭ މަޤާމެއް ފުރަމުންދާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މަސްތުވާތަކެއްޗާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ މައްސަލައެއް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއޮތް މީހަކަށް ވެގެންނުވާނެ ކަމަށް ވެސް ޝަރުތުގައި ބަޔާންކޮށްފައިވެއެވެ.

މީޑިއާ ކޮމިޝަނަށް އެސްޖީ އައްޔަނުކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 28 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ވަޒީފާއަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނަށެވެ. 

މީޑިއާ ރެގިއުލޭޝަން ޤާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފައްދަވާފައިވާއިރު، އެ ކޮމިޝަނުގައި ހަތް މެންބަރުން ތިއްބަވައެވެ. 

ކިޔުންތެރިންގެ ހިޔާލު