ENGLISH
22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން، އެހެން ނުހަދަން އަންގައިފިން: މިނިސްޓަރު ޝަހީމް
22 އޮކްޓޯބަރު 2025
|
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު --
މާލެ ސިޓީގެ މިސްކިތްތަކުން ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށާ އެހެން ނުހަދަން އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ވަނީ ހުޅުމާލޭން ބަންގީގެ އަޑު ވަރަށް މަޑުކަން ފާހަގަކުރައްވާފަ އެވެ. އެއީ ކިހިނެތް ވެގެން ވާ ގޮތެއްތޯ ސުވާލު ކުރުމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުގެ އެންގުމަކީ ވީހާވެސް ދުރަށް ބަންގީގެ އަޑު އިވޭނެ ގޮތަށް ހަމަޖެއްސުން ކަމަށެވެ.
ޚާއްސަކޮށް ހުޅުމާލެ ފަދަ 25 ބުރީގެ އިމާރާތްތައް ހުންނަ ތަންތަނުގައިވާ މިސްކިތްތަކުން ފޮނުވޭ ބަންގީގެ އަޑު ހުރިހާ ސަރަޙައްދަކަށް ވެސް ރީތިކޮށް އިވޭނެ ގޮތަށް ބެހެއްޓުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްކިތްތަކުގެ ސައުންޑް ސިސްޓަމްގެ ތަޅުދަނޑި އޮންނަނީ ސިޓީ ކައުންސިލްގަ އެވެ. އަދި ކައުންސިލުން ސިސްޓަމްތަކާއި ކުޅޭ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އެގޮތަށް އަމަލު ނުކުރަން އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ސިޓީ ކައުންސިލަށް ތަކުރާރުކޮށް އަޅުގަނޑުމެން އެދެމުން މިދަނީ ސައުންޑް ސިސްޓަމްތަކާއި ނުކުޅޭށޭ ތި ބޭފުޅުން," މިނިސްޓަރު ވިދާޅުވި އެވެ.