ENGLISH
22 އޮކްޓޯބަރު 2025
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ފަހުން ހައްޔަރުކުރި މީހާގެ ވަނަވަރު ނެރެފި
22 އޮކްޓޯބަރު 2025
|
ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ)
އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ފަހުން ހައްޔަރުކުރި މީހާގެ ވަަނަވަރު އާންމުކޮށްފި އެވެ.
ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އެ ކޮންޓެއިނަރުތަކުގެ ބައިތައް ކ. ތިލަފުށިން ހޯދައި، އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ފަހުން ވަނީ އެމީހާގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ) އެވެ. އަދި ބުނީ ޙަސަން ޢަބްދުއްރަޙްމާން ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.
ސިނގިރޭޓް ވައްކަމާ ގުޅިގެން ތިލަފުށީގައި މި މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ވަގަށް ނަގާފައިވާ ދެ ކޮއިންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްކުރާ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮއިންޓެއިނާ ސިނގިރޭޓް ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހު 9 ވަނަ ދުވަހު އެވެ. އެ މައްސަލައާ ގުޅިގެން މީގެ ކުރިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.
އެއީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ކުންފުނީގެ ވެރިޔާ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް، 61 (އާއްޓޭ) ގެ އިތުރުން ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40، އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ، 48، އެވެ.