ENGLISH
20 އޮކްޓޯބަރު 2025
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފި
20 އޮކްޓޯބަރު 2025
|
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބިގެން 14 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއިން ބުނިގޮތުގައި ވިއްސާރައިގެ ސަބަބުން އެކި ރަށްރަށަށް އެކިވަރަށް ގެއްލުން ވަނީ ލިބިފައެވެ. އެންޑީއެމްއޭއިން އާއްމުކޮށްފައިވާ ރަށްތަކުގެ ލިސްޓުގައި ގިނައީ ދެކުނުގެ ރަށްތަކެވެ. ގެއްލުން ލިބިގެން އެންޑީއެމްއޭއަށް ރިޕޯޓްކޮށްފައިވަނީ ގދ އަތޮޅުގެ މަޑަވެލި، ހޯނޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ، ފަރެސްމާތޮޑާ، ގއ. މާމެންދޫ، ލ. މާވަށް، ސ، މަރަދޫ، ފުވައްމުލައް ސިޓީ، ހދ. ކުޅުދުއްފުށި ސިޓީ، ހދ. ނޮޅިވަރަންފަރު، މ. ދިއްގަރު އަދި މ. މަޑުއްވަރީއެވެ.
ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ އެއް ގެއިން މީހުން ވަނީ ބަދަލުކޮށްފައެވެ. އެހެން ރަށެއްގައި އެހާލަތު މެދުވެރި ނުވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
ވިއްސާރަ ދުވަސްވަރު ރަށްތަކަށް ލިބޭ ގެއްލުންތައް އެންޑީއެމްއޭއިން އަބަދުވެސް މޮނިޓަރ ކުރެއެވެ. މިފަހަރު ގެއްލުން ލިބިގެން ރިޕޯޓް ކުރި 14 ރަށުގެ ޙާލަތު ވެސް އެންޑީއެމްއޭއިން އަންނަނީ ބަލަމުންނެވެ. އެމަސައްކަަތް އެ އިދާރާއިން ކުރަނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ.
މޫސުން ގޯސްވުމާއެކު، މިއަދު ހެނދުނު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އޭގެފަހުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ދަމަހައްޓައިފައެވެ. އެގޮތުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައިވެއެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް މިއަދު ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވުމާއެކު، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް އިދާރާތަކުން ވަނީ އެދިފައެވެ.