ENGLISH
19 އޮކްޓޯބަރު 2025
މަހެއްތެރޭ ފުލުހުން 6.8 މިލިއަން ރުފިޔާގެ ސައިކަލު އަނބުރާ ހޯދައިދީފި
19 އޮކްޓޯބަރު 2025
|
ފުލުހުންގެ މައި މަރުކަޒު. ކުށް މަދުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތައް ވަނީ ވަރުގަދަކޮށްފަ. ފޮޓޯ: މިހާރު
މިދިޔަ ސެޕްޓެމްބަރު މަހު އެކަނި، ދިވެހި ފުލުހުންގެ ޚިދުމަތުން 6.8 މިލިއަން ރުފިޔާގެ ސައިކަލު އަނބުރާ ހޯދައިދީފައިވާކަން އެ އިދާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުުހުން މިއަދު ވަނީ ސެޕްޓެމްބަރު މަހު މާލެ ފްރަންޓްލައިން ޕޮލިސިންއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ.
ތަފާސްހިސާބުން އެންމެ ބޮޑަށް ފާހަގަކުރެވުނީ އަނބުރާ ހޯދާފައިވާ މުދަލުގެ ތެރެއިން ގިނަ އަދަދެއްގެ ސައިކަލު ހިމެނޭކަމެވެ. އެގޮތުން ސެޕްޓެމްބަރު މަހު 109 ސައިކަލު އަނބުރާ ހޯދައިދީފައިވާއިރު، އެ ސައިކަލުތަކުގެ އަގު 6،878،766 (ހަމިލިއަން، އަށްލައްކަ ހަތްދިހަ އަށްހާސް، ހަތްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) އަށް އަރައެވެ.
އަނބުރާ ހޯދައިދިން އެހެން ތަކެއްޗަށް ބަލާއިރު 13 ފޯނާއި އިލެކްޓްރޯނިކްސް 8 އާލާތާއި 20 މައްސަލައެއްގައި އަނބުރާ ހޯދި ފައިސާއާއި އެހެނިހެން ތަކެތީގެ ގޮތުގައި 39 އާލާތެއް ހިމެނެއެވެ.
ފުލުހުންގެ ތަފާސްހިސާބުން އެނގޭ ގޮތުގައި އަނބުރާ ހޯދި 13 ފޯނުގެ ޖުމްލަ އަގު 154،562 (އެއްލައްކަ ފަންސާސް ހަތަރު ހާސް، ފަސްސަތޭކަ ފަސްދޮޅަސް ދޭއް) އަށް އަރައެވެ. ފައިސާ ގެއްލިގެން ހުށަހެޅި 20 މައްސަލައިގައި 588،822.76 (ފަސްލައްކަ އަށްޑިހަ އަށްހާސް، އަށްސަތޭކަ ބާވީސް ރުފިޔާ / ހަތްދިހަ ހަ ލާރި) އަނބުރާ ވަނީ ހޯދައިފައެވެ.
އިތުރު މަޢުލޫމާތަށް ބަލާއިރު ބިދޭސީންނާ ގުޅުންހުރި މަސައްކަތުގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މާލެ ފްރަންޓްލައިން ޕޮލިސިންގެ ފަރާތުން ސެޕްޓެމްބަރު މަހު ވަނީ 5264 މީހަކު ހުއްޓުވައި ސުވާލުކޮށްފައެވެ. އޭގެތެރެއިން 4776 މީހުންގެ ކުށުގެ ރެކޯޑް އޮތްއިރު ކުށުގެ ރެކޯޑް ނެތީ 488 މީހެކެވެ. ސެޕްޓެމްބަރު މަހު އެމަސައްކަތް ކުރުމަށް ފުލުހުން 1029 ގަޑިއިރާއި 58 މިނިޓް ހޭދަކުރިއެވެ.
މާލެ ފްރަންޓްލައިން ޕޮލިސިންގެ ހާޒިރުވި ސީންތަކުގެ މައުލޫމާތު ވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު ޖިނާޢީ ކުށްތަކުގެ 109 މައްސަލައަށް ފުލުހުން ހާޒިރުވިއެވެ. އޭގެތެރެއިން އެންމެ ގިނައީީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 71 މައްސަލަ ހުށަހެޅުނުއިރު މާރާމާރީގެ 16 މައްސަލަ ހުށަހެޅުނެވެ. އަދި، ފޭރުމުގެ 12 މައްސަލައާއި އެކްސިޑެންޓްވެގެން 10 މައްސަލައެއް އެ އިދާރާއަށް ސެޕްޓެމްބަރު މަހު ރިޕޯޓްވިއެވެ.
މާލެ ސަރަޙައްދުގައި ފުލުހުން ކުރަމުންގެންދާ އިތުރު މަސައްކަތްތަކަށް ބަލާއިރު، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކޮމިއުނިޓީ އިންޓަރެކްޝަންސްގެ 703 މުޢާމަލާތް ވަނީ ހިންގައިފައެވެ. އޭގެތެރޭގައި 187 މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. ކުށަކަށް ނުވާ ޒާތުގެ 137 މައްސަލައެއް ފުލުހުންނަށް ފާހަގަވިއިރުު ކުށްތަކާއި ގުޅުންހުރި ކަންބޮޑުވާ 81 މައްސަލައެއް ފުލުހުން ވަނީ ދެނެގަނެފައެވެ.
ކުރިއާ ޚިލާފަށް އާއްމު ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަ މަސައްކަތް މިހާރު ވަނީ ފުޅާކޮށްފައެވެ. ހާއްސަގޮތެއްގައި ބޮޑެތި ކުށްތަކުގައި ޝާމިލްވާ މީހުން ހޯދުމާއި، އާއްމުން ކުށަށް ހުށަހެޅުން މަދުކުރުމަށް ފުލުހުންގެ މޮނިޓަރިން ވަރުގަދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.