ENGLISH
15 އޮކްޓޯބަރު 2025
މިލަންދޫ އެއަރޕޯޓުގެ މަަސައްކަތް ނިންމާ 30 މަސް ދުވަސްތެރޭ ހުޅުވާނެ: ރައީސް
15 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަންދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ --
ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމުގައިވާ މިލަންދޫ އެއަރޕޯޓުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން، މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އެއަރޕޯޓު ތަރައްޤީކުރެވެން އޮތީ، ރަށުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށްގެން ކަމުގައިވާތީ، މިހާރަށްވުރެ ފެންވަރު ރަނގަޅު ބަނދަރެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ބިންހިއްކުމާއި، ބަނދަރުގެ މަސައްކަތް ހިމެނޭގޮތަށް، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެއަރޕޯޓު އޮޕަރޭޝަނަށް ގެންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެހައި ވަޢުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، މިލަންދޫގައި 50 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފަ އެވެ. މިއަދު މިލަންދޫގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އިސްލާމީ މަރުކަޒު އިމާރާތްކުރުމާއި، ހޮސްޕިޓަލުގެ އާ އިމާރާތުގެ، ޢަމަލީ މަސައްކަތް ފައްޓަވާފަ އެވެ. އަދި މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވައި، އެ ރަށުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މިއަދު ވަނީ ފައްޓަވައިދެއްވާފަ އެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން، އިސްލާމީ މަރުކަޒު އިމާރާތް ކުރައްވާނީ 700 މީހުންގެ ޖާގައިގެ، ޒަމާނީ މަރުކަޒެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ހޮސްޕިޓަލުގެ އާ އިމާރާތް ވެގެންދާނީ 30 އެނދުގެ ޖާގައިގެ އިމާރާތަކަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ރިންގް ރޯޑެއްވެސް ހިމެނޭ ގޮތަށް ކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ރިވެޓްމަންޓް ޖަހާނީ ރަށުގެ ބިމުގެ ޖާގަ އިތުރުކުރެވޭނޭ ގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އަދި މިލަދުންމަޑުލު އުތުރުބުރިއަކީ ޢުމްރާނީ ބޮޑެތި މަސައްކަތްތައް ކުރިއަށްދާ އަތޮޅެއް ކަމުގައިވާތީ، އެ އަތޮޅުގައި ޤާއިމުކުރާ ދެވަނަ، ޕަބްލިކް ވަރކްސް ޔުނިޓު ޤާއިމުކުރައްވާނީ މިލަންދޫގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހު، މިލަންދޫގައި ވެމްކޯގެ ޚިދުމަތް ފައްޓަވާނޭ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ ރަށުގައި އެކްސްރޭގެ ޚިދުމަތް ފައްޓަވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދަކީ، މިލަންދޫގެ ވަށާޖެހޭ ތަރައްޤީގެ ބިންގާ އެޅިގެންދިޔަ ދުވަސްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.