ENGLISH

14 އޮކްޓޯބަރު 2025

Advertisement

ރައީސް ބިލެތްފަހީގައި؛ ރައްޔިތުންނަށް ދެއްވީ ގިނަ މަޝްރޫޢުތަކެއް ހިންގަވާނެ ކަމުގެ ޔަޤީންކަން

13 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ށ. ބިލެތްފަހީގައި ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ނިންމަވާ އެކަމުގެ އުފާވެރި ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިފި އެވެ.

އެމަނިކުފާނު އެކަމުގެ ޔަޤީންކަން ދެއްވެވީ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރަށުގެ ތަރައްޤީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވަމުން، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢެވެ. މިމަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ކުރިއަށް ނުގޮސް، ހުއްޓިފައި އޮތް ކުނި މެނޭޖު ކުރުމުގެ މަޝްރޫޢަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހަމަ މިއާއެކު ބަނދަރުގެ މަޝްރޫޢަކީ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަމުގެ ހައްސާސް ކަމަށް ބައްލަވައި، ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މަޝްވަރާއެކުގައި ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން ތަރައްޤީކުރަން ކަނޑައެޅި 4 ކުލާސްރޫމަށް ޢަދަދު އިތުރުކުރައްވައި، 8 ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ޞިއްޙީ މަރުކަޒުގައި، 16 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. މުވައްޒަފުންނާއި ވަސީލަތުގެ ގޮތުން ޞިއްޙީ މަރުކަޒަށް މިހާރުން މިހާރަށް ބޭނުންވާ އެހީ ފޯރުކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ބިލެތްފަހީގައި ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒަމާނީ ފެންވަރަށް ފުޓުބޯޅަދަނޑު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު