ENGLISH
14 އޮކްޓޯބަރު 2025
ލާމަރުކަޒީ ނިޒާމް ހަޤީޤީ މާނާގައި ގެނެސްދެއްވި ވެރިއަކު މި ނޫނީ ނުދެކެން: ބިލެތްފަހި ރައީސް
13 އޮކްޓޯބަރު 2025
|
މިރޭގެ ޖަލްސާގައި ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވާހަކަ ދައްކަވަނީ
ލާމަރުކަޒީ ނިޒާމް ހަޤީޤީ މާނާގައި ގެނެސްދެއްވި އަދި ގެނެސްދެއްވަން މަސައްކަތް ކުރެއްވެވި ވެރިއަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫނީ ދެކެވަޑައިނުގަންނަވާ ކަމަށް ށ. ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު މިރޭ ވިދާޅުވެއްޖެ އެވެ.
ޒިޔާދު މިހެން ވިދާޅުވީ ބިލެތްފަހީގެ ރައްޔިތުންނާއި, ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދަކީ 2011 ވަނަ އަހަރުން ފެށިގެން އެ ރަށު ކައުންސިލްގެ ރައީސެވެ.
އޭނާ ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ނިޒާމުން ހިންގަން ފެށިފަހުން އެ ނިޒާމުގެ ތެރޭގައި އެންމެ ގިނަ ތަޖުރިބާކުރެވުނު އެކަކަށް އޭނާ ވާނެ ކަމަށެވެ. މިހާތަނަށް ހަތަރު ރައީސުންނާއެކު މަސައްކަތް ކުރެއްވިއިރު ލާމަރުކަޒީ ނިޒާމް ހަޤީޤީ މާނާގައި ގެނެސްދެއްވި އަދި ގެނެސްދެއްވަން މަސައްކަތް ކުރެއްވެވި ވެރިއަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫނީ ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ރައީސާއި ބައްދަލުކުރަން ވެެއްޖެނަމަ ކުރީން އޮންނަނީ ސިޓީއަކުން ދެންނެވުން ކަމަށެވެ. އެ ސިޓީ ފޮނުވުމަށް ފަހު ޖަވާބެއް ލިބެނީވެސް އެތައް މަހަކުން ކަމަށާ އަދި ރައީސާއި ބައްދަލުކުރަން އޮތް ހަމައެކަނި ގޮތަކީ ވަފުދު ހަދާފައި މާލެ ދިއުން ކަމަށެވެ. ނަމަވެސް ރައީސް މުޢިއްޒު މުޅިން ތަފާތު ކަމުގައި ވިދާޅުވި އެވެ.
ރައީސް މުޢިއްޒުގެ ޒަޢާމަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނީ ސީދާ އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާ މަންޒަރު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަތަރު ރައީސުންނާ ދިމާވެގެން ދިޔައިރު އަޅުގަނޑަށް މިއަދު އިހުސާސް އެބަ ކުރެވޭ މި ލާމަރުކަޒީ ނިޒާމް ހަޤީޤީ މާނާގައި އަޅުގަނޑުމެންނަށް ގެނެސްދޭން މަސައްކަތް ކުރާ ކަމުގެ އިޙްސާސް ނުވަތަ އެކަން ވަމުންދާކަން އެބަ ޤަބޫލުކުރެވޭ. ހެއްކާއެކު އެކަން ފެންނަން އެބަހުރި,"
ޒިޔާދު އިތުރަށް ވިދާޅުވީ ބިލެތްފަހީގައި މިއަދު ރައީސް ކައުންސިލާއި ބައްދަލު ކުރެއްވި ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. މިއީ ދުވަހަކުވެސް ވާނެ ކަމެއް ކަމަށް ކުރީން ޤަބޫލުކުރި ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ ކަންބޮޑުވުންތައް މިހާ ގާތުން އަޑުއެއްސެވުމަށްޓަކައި ރާއްޖޭގެ ރައީސަކު, އަޅުގަނޑު މި މަޤާމުގައި މި ހޭދަކުރި ދުވަސްތަކުގައި ވަޑައިގެންނެވި ފުރަތަމަ ރައީސް. ހަމަ ހަޤީޤަތުގައިވެސް. އަޅުގަނޑުމެން ކުރީން ޤަބޫލެއް ނުކުރަން ރައީސަކު އަޅުގަނޑުމެންނާއި މިހާ ގާތުން ކަންކަން ކުރާތަން ފެނިދާނެ ކަމަކަށް," ޒިޔާދު ވިދާޅުވި އެވެ.