ENGLISH
14 އޮކްޓޯބަރު 2025
ބިލެތްފަހި އެއާޕޯޓް 30 މަސް ދުވަހުން ނިންމަވާނެ، މަސައްކަތް ބާރު ސްޕީޑްގައި ގެންދަވާނެ: ރައީސް
13 އޮކްޓޯބަރު 2025
|
ރައީސް ބިލެތްފަހީގައި ވާހަކަފުޅު ދައްކަވަނީ
ށ. ބިލެތްފަހީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާ ކުރިއަށް އޮތް 30 މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބިލެތްފަހީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ށ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ ބިލެތްފަހީގައި އެއަރޕޯޓެއް އެޅުމަކީ ކުރީ ސަރުކާރުތަކުން ވަރަށް ބާރަށް ދެއްކި ވާހަކައެއް ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައިނުވާ ކަމަށެވެ.
އެގޮތަށް އެމަނިކުފާނުގެ ސަރުކާރުން އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި ބިލެތްފަހީ އެއަރޕޯޓްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާތީ އެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫޢުއަށް 36 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އެ މަަސައްކަތް މަޑުނުޖެހި އަށް މަސް ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 1500 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް ދެ އަހަރާއި ބައިން ނިންމަވާނެ ކަމަށެވެ. އެ ޔަޤީންކަން ދެއްވާ ކަމުގައި ވިދާޅުވި އެވެ.
"އެއަރޕޯޓް ތަރައްޤީގެ މަސައްކަތްތައް މުޅި މަޝްރޫޢު ގިނަވެގެން 2 އަހަރާއި ބައި ގައި ނިންމާނެ. މި މަސައްކަތް ދެން އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތް، ބާރު ސްޕީޑްގައި ކުރިއަށްދާނެ. ދެން ފެންނާނީ މިކަން ފުރިހަމަވެގެން ދާތަން," ރައީސް ވިދާޅުވި އެވެ.