ENGLISH

15 އޮކްޓޯބަރު 2025

Advertisement

ޢާލިމްގެ މި ވާހަކަ؛ ނަފްސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށް ވެފައިވާ ކޮންމެ މީހަކަށް ޢިބްރަތެއް

07 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ނޫސްވެރިޔާ އާލިމްގެ ޕޯސްޓްގައި ހިމަނާފައިވާ އޭނާގެ ފޮޓޯ

ޒުވާން ނޫސްވެރިޔާ ޢާލިމް ޢަބްދުލްލަތީފް ވަނީ އޭނާގެ ފޭސްބުކްގައި ނަފްސާނީ ބަލިމަޑުކަމުގެ ތެރޭގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެ ތަޖުރިބާ މިފަދަ ގޮތަކަށް ޢާންމުކޮށް ހިއްސާކުރީ އެފަދަ ޙާލަތެއްގައި ތިބި ކޮންމެ މީހަކަށް އިބްރަތަކަށް އަދި ހިތްވަރެއް ދިނުމުގެ ގޮތުންނެވެ.

އޭނާ ބުނި ގޮތުގައި މީގެ ތިން އަހަރު ކުރިން ނަފްސާނީ ބަލިމަޑުކަމުގެ އަނދަވަޅަކަށް ވެއްޓުނެވެ. އެ ވެއްޓުނު ވަޅުގަނޑުގެ ފުންމިން ވެސް ނޭނގެއެވެ. އެ ވަޅުގަނޑުގައި ސަލާމަތްކަން ހޯދާ އިސްކޮޅުޖެހެން ދަނިކޮށް ދެން ދިމާވި ހިތްދަތިކަމަކުން އެއްވެސް އިހްތިޔާރެއް ނެތި އެ އަނދަވަޅުގެ އެންމެ ފުނަށް ވެއްޓުނެވެ.

"..އޭރު އަހަންނަކަށް ނުނިދެއެވެ. އަބަދު ވިސްނެނީއެވެ. ނެގެޓިވް ހިޔާލުތައް އަހަރެންގެ ވަށައިގެންވެއެވެ. މަސައްކަތްކުރާ ހިތެއް ނުވެއެވެ. މީހުންނާއެކު ތަންތަނަށް ދާހިތެއް ނުވެއެވެ. އަބަދުވެސް ބޭނުންވަނީ އެކަހެރިވާށެވެ. އެކަނި ހުންނާށެވެ. ބޭނުންވަނީ އަބަދުވެސް ނިދާށެވެ. އެއީ ހިޔާލުތަކުން އަހަންނަށް އެއްކިބާވެވޭނެ ގޮތަކީ އެއީ ކަމަށް ވާތީއެވެ,"

އަދި ބުނީ މީގެ ތިން އަހަރު ކުރިން, އޮކްޓޯބަރު ހަވަނަ ދުވަހު އޭނާ ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ވެސް ދެެއްކި ކަމަށެވެ. އޭރު ޑޮކްޓަރު ނިދާ ބޭސް ވެސް ދިން ކަމަށެވެ. އެ ބޭސް ދުވަސްކޮޅަކު ބޭނުން ވެސް ކުރި ކަމަށާ އެއީ އެޔާ ނުލައި އޭރު ނިދުމަކީ އުނދަގޫ ކަމަކަށް ވުމުން ކަމުގައި ބުންޏެވެ.

"އެކަމަކު ވެސް އަހަރެންގެ ފަރުވާއަކީ އެ ބޭހެއް ނޫނެވެ. ލޯބިވާ އެކުވެރީންނެވެ. އެ އަނދަވަޅަށް ވެއްޓުމުން އަހަރެންގެ ހިޔާލުތައް ދެކަފިވިއެވެ. ޝައިތޯނާ އަހަރެންގެ ގާތުގައި ބުނަމުންދިޔައީ ގޯސް މަގު ޚިޔާރުކޮށް ހިތާމަތަކުން މިންޖުވުމަށެވެ. الله ނުރުއްސަވާ އެތައް ކަމަކުން ހަމަޖެހުން ހޯދަން އަހަރެންގެ ހަވާނަފްސު އަހަންނަށް ގޮވިއެވެ. އެހެނަސް, އަހަރެންގެ ޒަމީރު އަބަދުވެސް އެ ކަމަށް އިންކާރު ކުރިއެވެ,"

އަދިވެސް އޭނާ ލިޔެފައިވެ އެވެ;

"އަހަރެންނަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. އެކަމަކު, އެ އަނދަވަޅުން އަރަައިގަންނަން އަހަރެން ކުރި މަސައްކަތް الله ދެނެވޮޑިގެންވެއެވެ. އަހަރެންގެ ފަރުވާއަކަށްވީ މަސްތާއި ލަވައާއި މިއުޒިކެއް ނޫނެވެ. އަހަރެން ހަމަޖެހުން ހޯދީ ކެތްތެރިކަމާއި ނަމާދުންނެވެ. އެ ކަލާނގެ ހަޒްރަތުގައި ދުއާ ދަންނަވައިގެންނެވެ. އެ ކަލާނގެއާ ކޮންމެ ދުވަހަކު އެތައް ވާހަކައެއް ހިއްސާކޮށްގެންނެވެ. ހެޔޮލަފާ އެކުވެރިން އަހަރެންގެ ގާތުވައި އަބަދުމެ ތިބީމައެވެ,"

ޢާލިމް ބުނި ގޮތުގައި اللهއަށް ފުރިހަމަގޮތުގައި ބަރޯސާވެ, އެ ކަލާނގެ ހަޒްރަތުން މަދަދަށް އެދެން ފެށި ދުވަހުން ފަށައިގެން މިއަދާ ހަމައަށް ވެސް އޭނާ ނާއުންމީދެއް ނުވެ އެވެ. 

"..އެ އިލާހު ގަންދީ ބުނަމެވެ. އެ ކަލާނގެއަށް ބަރޯސާވެ, އެ ކަލާނގެ ހަޒްރަތުން މަދަދަށް އެދެން ފެށި ދުވަހުން ފަށައިގެން މިއަދާ ހަމައަށް ވެސް އަހަރެން ނާއުންމީދެއް ނުވެއެވެ. އެއީ އަހަރެންގެ ހަޔާތުގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހިނގި ނަމަވެސް, އެއިން ކޮންމެ ކަމަކީ ވެސް އެ ކަމުގައި އަހަންނަށް ހެވެއް އޮތް ކަމެއްކަން އަހަރެން ގަބޫލުކުރަން ފެށުމުންނެވެ. އެ ކަލާނގެ އެއްވެސް އަޅަކަށް ނުއުފުއްލޭވަރުގެ ބުރައެއް ނުޖައްސަވާނެކަމަށް އެ ކަލާނގެ އަންގަވައިފައި ވާތީއެވެ,"

އޭނާ ބުނި ގޮތުގައި އެހާ ހިސާބުން اللهގެ ހަޒްރަތަށް ކުއްތަންވެ ކޮންމެ ނަމާދެއް ކުރަން ފެށި އެވެ. ދަންވަރުގެ ވަގުތު ހޭލާ އެކަލާނގެއަށް ކުއްތަންވެ ދަމުނަމާދު ކުރި އެވެ. އެ ކަލާނގެ ހަޒްރަތުގައި އޭނާގެ ހާލު ދެންނެވި އެވެ. އެހީތެރިކަމާއި މަދަަދަަށް އެދި ދެންނެވި އެވެ. އަހަރެމެންގެ ގާތަށް ފޮނުއްވި މާތް ނަބިއްޔާ މުހައްމަދު ޞައްލަالله އަލައިހި ވަޞައްލަމްގެ ސީރަތު އަޑުއެހި އެވެ. އެކަލޭގެފާނުގެ ސީރަތުން އެތައް އިބުރަތެއް ހާސިލުކުރި އެވެ.

"ދިރިއުޅުމުގައި މިހާރު ވެސް ހިތްދަތިވާ ކަންކަމާ ދިމާވެއެވެ. އެކަމަކު, އިންޝާالله އެ ވަޅުގަނޑަށް އަހަރެން ދެން ނުވެއްޓޭނެކަމުގެ ޔަގީންކަން މިހާރު އެބައޮތެވެ. ކޮންމެ ކަމަކަށް ވެސް ކެތްތެރިވާން މިހާރު އަހަންނަށް ދަސްވެއްޖެއެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް ކަން ގަބޫލުކުރަން ދަސްވެއްޖެއެވެ," ޢާލިމް ލިޔެފައިވެ އެވެ.

އޭރު އޭނާގެ ނޫސްވެރިކަމުގެ ކެރިއަރު އޭރު ނިމުނީކަމަށް ވެސް ބަޔަކު މީހުން ހީކުރި ކަމަށާ އެކަމަކު, اللهގެ އިރާދަފުޅުން އެ ދަތިކަމުގައި އުންމީދީ ނޫސްވެރިޔާގެ އެވޯޑު ވެސް ލިބުނު ކަމަށް ލިޔެފައިވެ އެވެ. އެ ކަލާނގެ ރަހްމަތުން މިއަދު އަމިއްލަ ފައިމައްޗަށް ތެދުވެ ނޫސްވެރިކަމުގެ އެކި މަސައްކަތްތައް ކުރުމުގައި ދެމި ހުރި ކަމުގައި ފާހަގަކޮށްފައިވެ އެވެ.

"ދިރިއުޅުމުގައި ދަތިތައް ކުރިމަތިވުމުން ޝައިތޯނާ ތިބާ ހަލާކުގެ ތެރެއަށް ގެންދަން އުޅޭނެއެވެ. އެކަމަކު, އެއީ އެ ހިތާމަތަކުން ތިބާ މިންޖު ކޮށްދޭނެ ކަންކަމެއް ނޫނެވެ. އެއީ ދުނިޔެ ތިބާއަށް ދައްކާ ރީތި އަވާމެންދުރެކެވެ. އެއީ ތިބާއަށް ދުނިޔެ ދައްކާ ރީތި ދަޅައެކެވެ. އެ ކަންކަމަށް ނުހެއްލޭށެވެ.  ލޯބިވާ އެކުވެރީންނެވެ. ކޮންމެ ދުވަހަކު ވެސް އަމިއްލަ ނަފްސުގައި އިސްހާލުކުރަން ޖެހޭ އެތައް ކަމެއް އަހަންނަށް ވެސް ވިސްނެއެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާއެއް ނޫނެވެ. އެކަމަކު, އެންމެ ރަނގަޅު މީހަކީ ހަލާކުން އެއްކިބާވެ ހައްޤުގެ މަގަށް ރުޖޫއަވާން ބޭނުންވާ މީހާއެވެ,"

އޭނާގެ މެސެޖަކީ މިއީ އެވެ. އެއީ އަދި ވަގުތު ފާއިތެއް ނުވާ ކަމެވެ. ދިރިއުޅުމުގައި އެހީތެރިކަން ބޭނުންވާނަމަ އޭނާއަށްވީ ވަރަކުން ކޮންމެ އެކުވެރިއަކަށް ވެސް އެހީތެރިވާނެ ކަމެވެ. ތައުބާގެ ދޮރު ހުރީ ހުޅުވިފައިކަން ހަނދާންކޮށްދެމުން އޭނާގެ ސްޓޭޓަސް ނިންމާލާފައިވަނީ ، އެ ދޮރު ލެއްޕޭނެ އިރެއް އަހަރެމެން އެކަކަށް ވެސް ނޭނގޭނެ ކަން ވެސް ހަނދާން ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު