ENGLISH

15 އޮކްޓޯބަރު 2025

Advertisement

ރިވިއު: ޑާކްރެއިންގެ "އަލިފާން" - މިއީ އެވޯޑްތައް ހޯދާނެ މޮޅު ފިލްމެއްް

07 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

އަލިފާންގެ މެއިން ޕޯސްޓަރު --

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯއަށް ޑާކްރެއިން އެންޓަޓައިމަންޓްވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ އެ ސްޓޫޑިއޯ އުފެދުނީއްސުރެ މިހާތަނަށް ނެރެމުންދިޔަ ކޮންމެ ފިލްމެއްވެސް މޮޅީ އެވެ. ސަޅީ އެވެ. ބެލުންތެެރީން ބޭނުންވާ ހުރިހާ ސްޓައިލެއްގެ ތަފާތު ފިލްމުތައް ގެނެސްދޭތީ އެވެ.

އޮކްޓޫބަރު މަހަކީ ޑާކްރެއިންގެ ފޭނުންނަށް ޚާއްސަ މަހެކެވެ. މިއީ އެ ސްޓޫޑިއޯއަށް ވެސް އެންމެ ޚާއްސަ މަހެވެ. ކޮންމެ އަހަރަކުވެސް އޮކްޓޫބަރު މަހު ޑާކްރެއިންގެ ފޭނުންނަށް އެ ސްޓޫޑިއޯއިން ރީތި، މޮޅު އުފެއްދުމެއް ގެނެސްދެ އެވެ. ޑާކްރެއިންގެ ފޭނުންނަށް މި އަހަރު އޮތީ "އަލިފާން" އެވެ.

އޮލިމްޕަހުގައި ރޭ ވަނީ އެ ފިލްމު ޕްރިމިއާ ކޮށްފަ އެވެ. ފިލްމާ ބެހޭ ގޮތުން ކުރުކޮށް އެއްޗެއް ބުނާނަމަ މިއީ ޑާކްރެއިންގެ ކާމިޔާބުގެ ހަރުގަނޑަށް އިތުރުވީ ކާމިޔާބީގެ ބޮޅެކެވެ. އަދި މިއީ ޑާކްރެއިންގެ އެވޯޑް ހަރުގަނޑުތައް އިތުރަށް ފުރާލަދޭނެ މޮޅު ފިލްމެކެވެ. މިއީ ޑާކްރެއިން އިން ގެނެސްދިން އާދަޔާޚިލާފު މޮޅު އުފެއްދުމެކެވެ.

ފިލްމު "އަލިފާން" ގެ މަންޒަރެއް

އަލިފާން - ވަނީ ކިހިނެތް

ޝައުގުވެރި ވާހަކައެއް ކިޔައިދޭ މި ފިލްމުން ދައްކައިދެނީ ދިވެހި މި މުޖްތަމައުގެ "އަނދިރި" ފަރާތެވެ. ރާއްޖޭގައި ކުށުގެ ވެށި ފުޅާވެ ބޮޑުވެފައިވާ މިންވަރެވެ. ކުށްކުރުން ގޮސް އޮތް ހިސާބެވެ. އަދި ކުށުގެ ވެށީގައި އުޅޭ މީހުންގެ ނިންމުން އަންނަ ގޮތެވެ.

ފިލްމުގައި ދައްކައިދެނީ ހިނގަމުންދިޔަ ކުށުގެ ބޮޑު ނެޓްވޯކެއް ހުއްޓުވަން ސިފައިންގެ ރިޓަޔަރޑަކު ކުރާ މަސައްކަތެވެ. އެ މަސައްކަތުގައި އޭނާއަށް އެހީތެރިވަނީ ކުށުގެ ވެށީން ނުކުމެ ރަނގަޅުވެފައިވާ ޒުވާނެކެވެ. އެކަމުގެ ތެރޭގައި އޭނާގެ އަންހެނުން ދުނިޔެއާ ވަކިވެ ދެ އެވެ.

އެކަމަކު ވެސް އޭނާ އަކީ ކުށްކުރަން ފުރުސަތު ދީގެން އެއީ ނުހިނގާ ކަމެއް ކަމުގައި ދެކި، ދޫކޮށްލައިގެން ހުންނަން ބޭނުންވާ މީހެއް ނޫނެވެ. އެހެން ވިޔަސް އޭނާ ދޭ އެހެން މެސެޖެއް އޮވެ އެވެ. އެއީ "ނުބެހޭ ކަންކަމާ ނުބުހޭށެވެ". އަދި "އަމިއްލައަށް ދެރަވެ ނިކަމެތިވެގެން ނުހުންނާށެވެ".

ފިލްމު ނިމިގެންދަނީ އެ ހުރިހާ މެސެޖެއް ވަރަށް ފުރިހަމައަށް ދެމުންނެވެ. ކުށްވެރީން ހުއްޓުވަ އެވެ. އަނިޔާ ލިބޭ މީހުން ސަލާމަތް ކުރެ އެވެ. ދެރަ ނިކަމެތި ގޮތަކަށް މުޖުރިމުން މަރުވެ ދެ އެވެ. މިވަރުން ދެން ނިންމާލާނަމެވެ. 

ފިލްމު "އަލިފާން" ގެ މަންޒަރެއް

ޓެކްނިކަލީ އެވަރުގެ މޮޅު ފިލްމެއް ކޮބާ؟

ފިލްމާމެދު އެއްޗެއް ބުނާ ކޮންމެ މީހަކަށްވެސް ފުރަތަމަ ބުނެވޭނީ މި އިބާރާތެވެ. އެއީ އެހާވެސް މި ފިލްމު ތަފާތީ އެވެ. މޮޅީ އެވެ. ޓެކްނިކަލީ މާ މޮޅީ އެވެ.

ރޭ މި ފިލްމު ބެލި އެންމެވެސް އެކަމަށް އިއްތިފާޤުވެ އެވެ. ބައެއް މީހުންގެ ނަޒަރުގައި ދިވެހި ފިލްމް އިންޑަސްޓްރީ ޑާކްރެއިން ގެންގޮސްދިން ލެވެލް މި ފިލްމުން ވަޒަން ކޮށްލެވެ އެވެ. ދިވެހި ފިލްމީ އުފެއްދުންތަކުގެ ފެންވަރު މޮޅުކަން މި ފިލްމުން ސާބިތުކޮށްދީފި އެވެ.

އެހެންވީމަ ޑާކްރެއިންގެ މުޅި ޓީމަށް އައްސަރިބަހުން ސާބަހެވެ. 

ޝީލާ, ރަވީ, ފައިސަލް, ޝަރަފް - އެހެން ލެވެލްއެއް

"އަލިފާން" މިހާ މޮޅު ފިލްމަކަށް ވުމުގައި ފިލްމުގެ ލީޑް ތަރީން އަދި ޖުމްލަކޮށް މުޅި ފިލްމުގެ ތަރީންގެ ފަރާތުން ފެނުނު މޮޅު އެކްޓިން ފާހަގަކުރަން ޖެހެ އެވެ. ޚާއްސަކޮށް ޝީލާ އާއި ރަވީ އާއި ފައިސަލް އަދި ޝަރަފްގެ އެކްޓިން އެވެ. ބުނަން ޖެހެނީ އެއީ އެ މީހުންގެ ފަރާތުން އެހެން ލެވެލްއެއްގެ އެކްޓިންއެއް ފެނިގެން ދިޔަ ފިލްމެއް ކަމެވެ.

ދެން މި ފިލްމުގައި ހިމެނޭ އެހެން ކޮންމެ އެކްޓަރެއް / އެކްޓްރެސްގެ ފަރާތުން ވެސް ފެނުނީ މޮޅު އެކްޓިން އެކެވެ. 

އެކަމުގެ ޝުކުރު އެންމެ ޙައްގީ ޑައިރެކްޓަރުން ކަމުގައިވާ އަލީ ޝިފާއު (ޗިއްޕެ) އާއި ރަވީ ފާރޫޤު (ރަވީ) އަށެވެ. އަދި ޑާކްރެއިންގެ ކޮލިޓީ ކޮމްޕްރަމައިސް ނުކޮށް ބެލުންތެރީންނާ ހަމައަށް ގެނެސް ދިނުމަށް ދެ ޕްރޮޑިއުސަރުން ކަމަށްވާ މުޙައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ކުރާ ހިތްވަރެވެ.

ފިލްމު "އަލިފާން" ގެ މަންޒަރެއް

ތޮލްއަށް ސާބަސް

ދެން އޮތީ މި ފިލްމު އަސްލު މިހާ ރީތި ވުމުގެ ސިއްރެވެ. ފިލްމުގެ މޮޅު ސްކްރީންޕްލޭ އެވެ. ފިލްމުގެ ބާވަތުގެ ގޮތުން މިއީ ބަލަން / އަޑުއަހަން އުނދަގޫ ފިލްމަކަށް ވެދާނެ އެވެ. އެއީ ފިިލްމުގެ ބޮޑު ބައިގެ ބަހުރުވަ ގެންގުޅެފައިވާ ގޮތުންނެވެ.

އެކަމަކު ފިލްމު މޮޅުވެ ހަޤީޤަތާއި އެއްގޮތަށް ދައްކައިދެނީ ސްކްރީންޕްލޭ މިގޮތަށް ގެނެސްފައި އޮތުމުންނެވެ. އަހްމަދު ތޮލާލް (ތޮލް) ގެ މި ސްކްރީންޕްލޭއަށް ޙައްޤީ 100 އަކުން 100 އެވެ. މި ފެންވަރަށް އެކަން ކުރެވޭނެ ތޮލް ނޫން ދެވަނަ ލިޔުންތެރިއަކު ހުންނާނެ ކަމާމެދުވެސް ޝައްކެވެ.

އެހެންވީމަ ޑާކްރެއިންގެ "އަލިފާން" މިއީ ބަލާލަން ޖެހޭ ފިލްމެކެވެ. މުޅި އާއިލާ އެކުގައި ގޮސް ބަލައިނުލެވުނަސް މިއީ ބައިވެރިޔާ ނުވަތަ އެކުވެރީންނާއެކު ގޮސް ބަލައިލާ އިބްރަތެއް ހާސިލުކުރެވޭނެ ފިލްމެކެވެ. އެއަށްވުރެ ބޮަޑަށް ކޮލިޓީ މޮޅު މަސައެްކަތެއް ބަލައިލާން މިއީ އެއްވަނައިގެ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު