ENGLISH
18 ސެޕްޓެމްބަރު 2025
އިޒްރޭލްގެ އުދުވާން ވަރުގަދަކުރުން: ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި
18 ސެޕްޓެމްބަރު 2025
|
ޣައްޒާ ސުންނާފަތިކޮށްލާފައި
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާ ކޮންޓްރޯލް ކުރަން ގެންގުޅޭ ސިޔާސަތުގެ ދަށުން، ޣައްޒާއަށް އެއްގަމުމަގުން ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާތީ، ދިވެހި ސަރުކާރުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ދިވެހި ޚާރިޖިއްޔާއިން ބުނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ، މިހާރުވެސް ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީކާރިސާ އިތުރަށް ގޯސްވާނެ ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއްނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ޤައުމުތަކުން އެކުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
އަދި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލަމެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަަސާ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ބުނެފައިވެ އެވެ.