ENGLISH
18 ސެޕްޓެމްބަރު 2025
މީޑިޔާ ރެގިއުލޭޓުކުރާ ބިލާ ގުޅިގެން ވަޒީރުންގެ ޔަގީންކަން؛ ނޫސްވެރިކަމުގެ މިނިވަންކަންވާނީ އިތުރަށް ހަރުދަނާ
18 ސެޕްޓެމްބަރު 2025
|
ވަޒީރުން
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރެއްވި މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް މިންވަރަކަށް ހަނިނުވެ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާ ގޮތަށް އެ ދާއިރާ ހަރުދަނާވާނެ ކަމުގައި ކެބިނެޓުގެ ވަޒީރުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ވިދާޅުވެއްޖެއެވެ.
މި ބިލަކީ މީޑިޔާތައް ކޮންޓުރޯލުކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ބިލެއްކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓަކަށް ރައްދުދެއްވައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ޑިމޮކްރަސީއެއް އާރާސްތުވަނީ ހުރިހާ ދާއިރާއެއްގައި ޖަވާބުރީވުން އޮވެގެން ކަމަށެވެ.
އަދި މީޑިޔާ ބިލު ފަރުމާކޮށްފައި އޮތީ ދެފުށް ފެނުމާއި، ޒިންމާދާރުވުމާއި، އަދުލުވެރިކަން ކަށަަވަރުކުރެވޭ ގޮތަށް ކަމަށެވެ. އެ ކަންކަމަކީ މީޑިޔާއަށް އަދި ޖުމްލަކޮށް ހެޔޮ ވެރިކަމަކަށް އަދި އިގުތިސާދީ ހަމަޖެހުމަށާއި ގައުމީ ތަރައްގީގެ ޕްލޭނިންއަށް މުހިއްމު ކަންކަން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
އިންވެސްޓަރުންގެ އިތުބާރު ހޯދައި ދެމެހެއްޓެނެވި ތަރައްގީ ކަށަވަރުކުރުމަށް ހައްގުތަކާއި ޒިންމާތަކަށް އެއް މިންވަރަކަށް އިހުތިރާމުކުރާ މުއައްސަސާތަކެއް އޮތުމަކީ ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި ޒަމީރު ވިދާޅުވިއެވެ.
ޒަމީރުގެ އިތުރަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ އެ ބިލުގެ މަސައްކަތް ކުރިއަށްދިޔައީ މަޖިލީހުގެ އިޖުރާއާތުތަކާ އެއްގޮތަށް ކޮމިޓީގައި އެ ބިލު ރަނގަޅަށް މުރާޖައާކުރެވިގެން ކަމަށެވެ. އަދި އެ ބިލުން އެކުލަވައިލާ ރެގިއުލޭޓަރީ ކޮމިޝަަނުގައި ސީދާ މީޑިޔާތައް ތަމްސީލުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވީ މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިމުން ނޫން ކަމަށެވެ. އަދި އެއީ ކުރިއަށް އެޅޭ ފިޔަވަޅެއް ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. އަދި އެމްޑީޕީ ވެރިކަމުން ބްރޯޑްކާސްޓިން މީޑިޔާ ރެގިއުލޭޓުކުރުމުގައި ސީދާ ސަރުކާރުން އައްޔަންކުރާ ބަޔަކު ތިބޭ ގޮތަށް އޮތް ނިޒާމު ނެގެހެއްޓި ނަމަވެސް މި ބިލާއެކު އުފަންވާ ކޮމިޝަނުގައި މީޑިޔާތަކުގެ ބައިވެރިވުން އޮަންނާނެ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ ސަރުކާރުން ސީދާ މީޑިޔާ ރެގިއުލޭޓުކުރުމުގެ ތެރެއަށް އަތް ބޭނުމުގެ ބަދަލުގައި ރައީސް ޑރ.މުއިއްޒު މީޑިޔާތަކުގެ ބައިވެރިވުމާއެކު މިނިވަން އިދާރާއަކުން މީޑިޔާ ރެގިއުލޭޓުކުރަން ފުރުސަތު ދެއްވައި ނޫސްވެރިންނާއި އާއްމުންގެ ހައްގުތައްވެސް ރައްކާތެރިކޮށްދިނުމަށް ޖާގަ ފަހިކޮށްދެއްވި ކަމަށެވެ.
ރައީސް ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަނގަޅު އިގުތިސާދެއްގެ ބިންގަލަކީ އިތުބާރު ކަމަށެވެ. އަދި މީޑިޔާ ރެގިއުލޭޓުކުރުމުގެ ބިލުން ފަރުދުންނާއި ވިޔަފާރިތަކާއި، މުޖުތަމައުތައް ދޮގު މައުލޫމާތު ފެތުރުމުން ރައްކާތެރިކޮށްދީ، މިހާރަށްވުރެ އިންސާފުވެރި މީޑިޔާ މާހައުލެއް އުފައްދައި، އިސްތިގުރާރަށް ބާރުދީ ދިގުރާސްތާ ތަނަވަސްކަމަށް މަގުކޮށައިދޭ ކަމަށެވެ.