ENGLISH
18 ސެޕްޓެމްބަރު 2025
ދުންފަތާ ގުޅޭ އެމްޑީޕީގެ ސިޔާސަތު؛ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމުގައި ފަހަތަށް އަޅާާ ފިޔަވަޅެއް
18 ސެޕްޓެމްބަރު 2025
|
ސަރުކާރެއްގެ ޒިންމާއަކީ ރައްޔިތުންގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ރައްޔިތުންގެ ޖިސްމާނީ ނަފުސާނީ ދުޅަަހެޔޮކަން ކަށަަވަރުކޮށްދިނުމާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ ގާނޫނުއަސާސީން ސަރުކާރަށް މަތިކުރާ އެންމެ މުހިއްމު ޒިންމާއެވެ. އެ ޒިންމާ އަދާކުރުމުގައި ސަރުކާރުން އަޅަންޖެހޭ ބައެއް ފިޔަވަޅުތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކު ވަގުތީ ގޮތުން ނުރުހުނަސް ދިގު ރާސްތާގައި ރައްޔިތުންނަށް އެކަމުން ލާބައާއި މަންފާ ލިބޭ ފިޔަވަޅުތަކަށްވުން ލާޒިމެވެ.
ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރުން ނިސްބަތުން އާއްމު ގައުމެކެވެ. ތަފާސްހިިސާބުތަކަށް ބަލާއިރު އުމުރުން 15 އަހަރާއި 29 އަހަރާ ދެމެދުގެ 21.8 އިންސައްތަ ދިވެހީންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. ނަތީޖާއަކީ ރާއްޖެއަކީ އާބާދީގެ ނިސްބަތުން ފުއްޕާމޭގެ ކެންސަރު ފަދަ ދުންފަތާ ގުޅުންހުރި ތަފާތު އެކި ބަލިތައް އާއްމުވެފައިވާ ގައުމެކެވެ.
ނިމުނު ދިހަ ވަރަކަށް އަހަރު ތެރޭ ރާއްޖޭގައި ވޭޕުގެ އެކި ބާވަތްތައް އާއްމުވީ ހަލުއިކޮށެވެ. ނަތީޖާއަކީ ސްކޫލުތަކުގައި ދަރިވަރުން ވޭޕް ބޭނުންކުރުމާއި، ވޭޕްގެ ފްލޭވާތަކުގެ ބަދަލުގައި އެކި ބާވަތްތަކުގެ މަސްތުވާތަކެތި ވޭޕާއެކު ބޭނުންކުރުން އާއްމުވުމެވެ. ވޭޕު އާއްމުވެގެންދިޔަ ދުވެއްޔާއި މިންވަރާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ސިއްހީ ހިދުމަތްތެރިންނާއި ޓީޗަރުންނާއި ބެލެނިވެރިން ދިޔައީ އާއްމުކޮށް ސަރުކާރާ ހިއްސާކުރަމުންނެވެ.
މިދެންނެވި ޝަކުވާތަކުގެ އަޑުއައްސަވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވޭޕް މަނާކުރުމަށް ނިންމެވިއެވެ. ވޭޕް އެތެރެކުރުމާއި ގަނެ ވިއްކުމާއި، ބޭނުންކުރުން މަނާކޮށް އެއިން ކަމެއް ކުރާނަމަ ހަރުކަށި އަދަބު ދެވޭ ގޮތަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ގާނޫނަށް ގެނެވި ތަންފީޒުކުރަން ފެށުނެވެ.
ނަތީޖާއަކީ ސްކޫލު ދަރިވަރުން ޔުނިފޯމުގައި ތިބެ ވޭޕް ބޭނުންކުރާ މަންޒަރު މިހާރު ނުފެނެއެވެ. ވޭޕުގެ ތެރެއިން މަސްތުވާތަކެއްޗަށް ދަރިން ވާސިލުވެދާނެ ކަމުގެ ބިރުވެރިކަމުގައި ތިބި މައިންބަފައިންނަށް އެކަމުން ދަރިން ސަލާމަތްކުރެވުނު ކަމުގެ އުފާ ލިބިއްޖެއެވެ.
ދުންފަތުގެ ވަބާއަކީވެސް އެކަމަކުން މުޖުތަމައު ސަލާމަތްކުރަންޖެހޭ ކަމެއް ކަމުގައިވާތީ އެކަމަށްވެސް ރައީސްވަނީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ދުންފަތުގެ އުފެއްދުންތައް ވިއްކޭނެ އުމުރު 21 އަހަރަށް މަތިކުރެއްވުމާއެކު، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިތުރުކުރެއްވިއެވެ. އަދި އެއަށްފަހު 2007 ވަނަ އަހަރުގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމުގެ ގާނޫނީ އިސްލާހުވެސް ގެންނެވިއެވެ.
މި ހުރިހާ ފިޔަވަޅެއްގެ ބޭނުމަކީ މިހާރު ދުންފަތުގެ ބޭނުންކުރާ މީހުން އެކަމާ ދުރުވުމަށް ބާރުއެޅުމާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ބަޔަކު އަލަށް ދުންފަތުގެ އިސްތިއުމާލުކުރުމަށް ހުށަހެޅިޔަ ނުދިނުމެވެ. މިއީ ރައްޔިތުންގެ ދުޅަހެޔޮކަް ކަށަވަރުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކެކެވެ.
އެމްޑީޕީގެ އެންމެ އިސްވެރިޔަކަށް މިވަގުތު ހުންނެވި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އިއުލާނުކުރައްވާފައިވަނީ ދުންފަތުގެ ޑިއުޓީ ކުޑަކުރައްވައި، ވޭޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ސަރުކާރުން އެޅި ހަރުުދަނާ ފިޔަވަޅުތައް އުވާލައި ފަހަތަަށް ފިޔަވަޅުތަކެއް އެޅުމެވެެ.
ސިޔާސީ ވާދަވެރިކަމުގައި އަމަލުކުރަންޖެހޭ އުސޫލަކީ މިއީ ހެއްޔެވެ؟ ވާދަވެރިކަމުގެ މާނައަކީ ސަރުކާރުން ކުރާ ހުރިހާ ކަމެއް ނުރަނގަޅުވުން ހެއްްޔެވެ؟ ދުނިޔޭގެ ތަހުޒީބު ގައުމުތަކަށް ބަލާއިރު ފެންނަން އޮތް ހަގީގަތަކީ ތަހުޒީބު ޑިމޮކްރަސީތަކުގައި ރައްޔިތުންގެ ހައްގުގައި ސަރުކާރުތަކުން ކުރާ ރަނގަޅު ކަންކަމަށް އިދިކޮޅު ސިޔާސީ ލީޑަރުންނާއި ޕާޓީތަކުން ތާއީދުކުރާ ކަމެވެ. ބައެއް ސިޔާސަތުތަކަކީ "ބައި-ޕާޓީސަން" ނުވަތަ ހުރިހާ ޕާޓީތަކަކުން ތާއީދުކުރާ ސިޔާސަތުތައް ކަމެވެ.
ނަމަވެސް ރާއްޖޭގެ ސިޔާސީ ސަގާފަތުގައި އޮންނަނީ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ދެކޮޅުހެދުމެވެ. ނަމަވެސް ފުންކޮށް ވިސްނައިލިނަމަ، އެމްޑީޕީއަށްވެސް ދެކޮޅުހަދަންވީ ކަންކަމާއި ދެކޮޅުނުހަދަންވީ ކަންކަން ވަކިވާނެއެވެ. ރައްޔިތުންގެ ދުޅަހެޔޮކަން ކަށަަވަރުކުރުމަށް ސަރުކާރުން އަޅާފައިވާ މި ފިޔަވަޅުތަކަކީ އެފަދަ ފިޔަވަޅުތަކެކެވެ.
އިދިކޮޅު މައި ޕާޓީގެ ހައިސިއްޔަތުން ޒިންމާދާރު ކަމެއް ކުރާނަމަ އެމްޑީޕީންވެސް ކުރަންވީ ކަމަަކީ މި ސިޔާސަތުތަކުގެ ރަނގަޅުކަން ބަޔާންކޮށްދިނުމެވެ. ގައުމުގެ މުސްތަގުބަލަށްޓަކައި، ރައްޔިތުންގެ ކުރިމަގަށްޓަކައި، މިފަދަ ކަންކަމުގައި އެންމެން އެކައްޗެއް ކިޔައިގެން، ރަނގަޅު އަމާޒަށް މަސައްކަތްކުރުމުގެ ހިތްވަރު ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ޕާޓީތަކުން ދައްކައިދޭންޖެހެއެވެ.