ENGLISH
18 ސެޕްޓެމްބަރު 2025
ފުލުހުން އިސްކުރީ މަޝްވަރާކުރުމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް
18 ސެޕްޓެމްބަރު 2025
|
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރާ --
މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގެ ސަރަހައްދުގައި މުޒާހަރާކުރި މީހުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް ހުރަސްއަޅާ ޤާނޫނާއި ޚިލާފު އަމަލުތައް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ދުވަހުގެ މުޒާހަރާއަކީ މިއަދު ތަސްދީޤުކުރި މީޑިއާ ބިލް ފާސްކުުރުމާއި ދެކޮޅަށް ބައެއް ނޫސްވެރީންނާއި އެމްޑީޕީގެ އިސްވެރީންނާއި އެކްޓިވިސްޓުން ބައިވެރިވި މުޒާހަރާ އެކެވެ.
ފުލުހުން ބުނީ މުޒާހަރާ ފެށުމާއެކު، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް ފުލުހުންގެ އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކުރި ކަމަށެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެ ކަން ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.
ފުލުހުން ބުނީ އެ ދުވަހު އެފަދަ ހުއްދައެއް ދީފައި ނުވާތީ އާއި ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދު އެއްވުންތައް ބޭއްވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭތީ އާއި ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދަކީ ވެސް އެއްވުން މަނާ ސަރަހައްދަކަށްވާތީ އާއި އަދި އެ ސަރަހައްދަކީ ސްކޫލްތައް ވެސް ހިމެނޭ ސަރަހައްދަކަށްވުމާއެކު، އެ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށެވެ.
އެހެންކަމުން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށް ވަނީ ބުނެފަ އެވެ.
އަދި މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.
"...އެހެންކަމުން، އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެއެވެ,"
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުންކަމުގައި ބުނެފައިވެ އެވެ.
އެގޮތުން، މުޒާހަރާ ރޫޅައިލުމުގައިވެސް، މިފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށް، މުޒާހަރާގެ ބައިވެރިން ވާނީ އެ ސަރަހައްދުން ދުރަށް ޖައްސާފައެވެ. މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލް ކުރުމުގައިވެސް، ކުރިން ދެންނެވުނު ފަދަ އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
"..މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަން ފާހަގަކުރަމެވެ. އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައިވެސް، ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެންނެވެ,"
ހަމަ މިއާއެކު، ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯއާ ގުޅޭގޮތުން ވެސް ފުލުހުން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ. ބުނީ އެ ފޮޓޯތަކަކީ، ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ހިމެނޭގޮތުން، އެންމެހައި ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.
މީގެއިތުރުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ދައުލަތުގެ މުހިންމު މުއައްސަސާތައް ހިމާޔަތްކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު، ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރަމުން ގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ދަނީ،ސެޕްޓެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ކުރިއަށް ގެންދަމުން ކަމަށާ މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފުލުހުންނަށް، ވަނީ މިފަދަ ކޮންމެ ކަމެއްގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު އަދާކޮށް އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑު ހިފަހައްޓައި ހަމަހަމަކަމާއި ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފަ އެވެ.