ENGLISH

18 ސެޕްޓެމްބަރު 2025

Advertisement

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި އަކްރަމް ހިމެނޭހެން ހަތަރު މީހަކަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި

18 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން. އުސޫލާ ހިލާފު މައްސަލައިގައި ވަނީ ދައުވާކުރަން ފޮނުވާފަ.

އެމްޑީޕީގެ މިދިޔަ ވެރިކަމުގައި ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ދިނުމުގައި އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާ މައްސަލައިގައި އޭރުގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ހިމެނޭހެން ހަތަރު މީހަކަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. 

ޕީޖީ އޮފީހުން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ އެމީހުންނަށް ދައުވާކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ސެޕްޓެމްބަރު 10 ވަނަ ދުވަހު ކަމަށެވެ. 

ދައުވާ ލިބެނީ: 

  • މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމާއި، ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަންގެ މަޤާމުގައިހުރި މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީން. 
  • މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު، ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފް.
  • މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމް.
  • މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި، މއ. ވިރާޙް، ޟިރުޣާމް ވަޙީދު.

މި ހަތަރު މީހުންނަށް ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. 

ޕީޖީ އޮފީހުން ބުނީ މައްސަލައާ ގުޅުންހުރި އިތުރު ބައިތައް ޕީޖީ އޮފީހުގެ ލަފައާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުންދާ ކަމަށެވެ. އެ މައްސަލަތައް ތަހްގީގުކޮށް ނިމުމުން ދައުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ މީހުންނަށް ކުރީ ސަރުކާރުން ހުޅުވާލި ފުރުސަތުގައި، ފްލެޓް ލިބޭ 4000 މީހުންގެ ލިސްޓު އާއްމުކުރިއިރު ބޮޑެތި ކަންބޮޑުވުންތައް ހުއްޓެވެ. އެގޮތުން، އުސޫލާ ޚިލާފަށް ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ޕޮއިންޓް ދީ، ފްލެޓް ލިބުމަށް ޝަރުތު ފުރިހަމަނުވާ މީހުންނަށް ފްލެޓް ދިންކަމުގެ ޝަކުވާ ބޮޑުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު