ENGLISH

18 ސެޕްޓެމްބަރު 2025

Advertisement

ދިވެހި ޕްރިމިއަރ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި

18 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

ރާއްޖޭގައި ބާއްވާ އެންމެ ވަރުގަދަ ފުޓުބޯޅަ ލީގު ކަމަށްވާ، "ދިވެހި ޕްރިމިއަރ ލީގު" ގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.

މީގެކުރީން، ދިރާގުން ވަނީ ދެ ފަހަރެއްގެ މަތީން ދިވެހި ޕްރިމިއަރ ލީގު ސްޕޮންސާކޮށްފައެވެ. ދިރާގުން މި ފަހަރުގެ މުބާރާތް ސްޕޮންސާކުރުމާއެކު މި ފަހަރުގެ ލީގު ކުރިއަށްދާނީ "ދިރާގު ދިވެހި ޕްރިމިއަރ ލީގު" ގެ ގޮތުގައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިރާގު އާ އެކު ސްޕޮންސަރެއްގެ ގޮތުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް، އަހުމަދު ޠާރިޤު އާއި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒްގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު އަދި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

މެދުކެނޑުމަކަށްފަހު ބާއްވާ މިފަހަރުގެ މުބާރާތުގެ މެޗުތައް މިއަދުން ފެށިގެން އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވީ، ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އެ ކުންފުނި ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.

އެފްއޭއެމްގެ ރައީސް ޠާރިޤު ވިދާޅުވީ، ދިރާގަކީ ފެށުނީއްސުރެ ދިވެހި ފުޓްބޯޅަ ކުރިއެރުވުމުގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި އޮތް ކުންފުންޏެއް ކަމަށެވެ. އަދި، މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އެ ކުޅިވަރުގެ ކުރީގެ މަޤާމަށް އަނބުރާ ގެންދިއުމަށް އެހީތެރިކަން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިރާގުން ދީފައިވާ އެހީތެރިކަމަށް ޝުކުރުއަދާކުރާ ކަމަށް ވެސް ޠާރިޤު ވިދާޅުވިއެވެ.

މުޅިއެކު 10 ޓީމު ހިމެނޭގޮތަށް ކުޅުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަނީ، މާޒިޔާ، ވެލެންސިއާ، ވިކްޓްރީ، ނިއު ރޭޑިއަންޓް، ޔުނައިޓެޑް ވިކްޓްރީ، އީގަލްސް، ޓީސީ، ބުރު، ގްރީންސްޓްރީޓްސް، އަދި އޮޑި ސްޕޯޓްސް އެވެ.

އެފްއޭއެމުން ބުނީ، 2026/2025 ގެ ފުޓްބޯޅަ ސީޒަނުގައި ހިމެނޭ ދިވެހި ޕްރިމިއަރ ލީގު ކުޅޭނީ ދެ ބުރަކަށް ބަހާލައިގެން މުޅިއެކު 90 މެޗު ކަމަށެވެ.

މިފަހަރުގެ ފުޓްބޯޅަ ސީޒަނުގެ ތާވަލުގައިވާ ގޮތުން، ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ނިމޭނެ އެވެ. އެއަށްފަހު، އެ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 11 ގައެވެ. ލީގުގެ ދެވަނަ ބުރުގެ ކުޅުން އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު