ENGLISH
16 ސެޕްޓެމްބަރު 2025
ރިސޯޓުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.1 މިލިއަނަށްވުރެ މައްޗަށް
16 ސެޕްޓެމްބަރު 2025
|
މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކަަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ސެޕްޓެންބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ފަސް ގައުމުގެ ތެރެއިން ޗައިނާއިން 246،834 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ގައުމުކަމުގައިވާ ރަޝިޔާއިން 187،731 ފަތުރުވެރިން އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުކަމަށްވާ އިނގިރޭސިވިލާތުން 139،789 ފަތުރުވެރިން އަދި އިޓަލީން 109،476 ފަތުރުވެރިން އަދި ޖަރުމަނުން 107،686 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
ޖުމްލަ 1،558،658 (އެއް މިލިއަން ފަސްލައްކަ ފަންސާސް އަށްހާސް ހަސަތޭކަ ފަންސާސް އަށް) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އައީ ރާއްޖޭގެ ރިސޯޓުތަކަށެވެ. ރާއްޖެއަށް އައި ފަތުރުވެރިންގެ 73.5 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ.
އެގޮތުން ރިސޯޓުތަކަށް 1،144،932 (އެއް މިލިއަން އެއްލައްކަ ސާޅީސްހަތަރުހާސް ނުވަސަތޭކަ ބައްތިރީސް) ފަތުރުވެރިން އައިސްފައިވެއެވެ. އަދި ގެސްޓުހައުސްތަކަށް 340،191 ފަތުރުވެރިން އަައިސްފައިވާކަން ހިސާބުތަކުން ފެނެއެވެ. ހޮޓާތަކަށް 40،421 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ސަފާރީ އުޅަނދުތަކަށް 31،967 ފަތުރުވެރިން އައިސްފައިވެއެވެ.
ފަތުރުވެރިންްނަށް ހިދުމަތް ދިނުމަށް މިވަގުތު 64،555 އެނދު ރާއްޖޭގައި އޮޕަރޭޓުކުރަމުންދާއިރު، އެއިން 43،247 އެނދަކީ ރިސޯޓު އެނދެވެ. ގެސްޓުހައުސ އެނދުގެ ގޮތުގައި 15،626 އެނދު އޮޕަރޭޓުކުރާއިރު، ހޮޓާތަކުގައި 2،484 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 3،198 އެނދު އޮޕަރޭޓުކުރެއެވެ.
ހިނގަމުންދާ ސެޕްޓެންބަރު މަހުގެ ފުރަތމަ ފަނަރަ ދުވަހު 71،732 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، އެއީ ނިމުނު އަހަރުގެ ސެޕްޓެންބަރު މަހުގެ އެ މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ޖަނަވަރީ އެކަކުން ސެޕްޓެންބަރު 15 ގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 9.6 އިންސައްތަ އިތުރުވެފައިވެއެވެ.