ENGLISH
16 ސެޕްޓެމްބަރު 2025
ޤަޠަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
16 ސެޕްޓެމްބަރު 2025
|
ރޭ އޮތް އޯއައިސީ ބައްދަލުވުމުަގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
ޤަޠަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން އުދުވާނީ ހަމަލާއާ ގުޅިގެން އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ޒިޔާރަތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖެއަށް ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އޯއައިސީގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ރޭ އެމަނިކުފާނު ތަގުރީރުކުރެއްވިއެވެ. އެ ތަގުރީރުގައި އެމަނިކުފާނުވަނީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށް ގޮވައިލައްވައި، އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ގުޅިގެން އެކީ މަސައްކަތްކުރުމަށް ޢަރަބި އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސްވަނީ ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާމެދު މަޝްވަރާކުރެއްވުމާއެކު، އިސްރާއީލުން ދިން އުދުވާނީ ހަމަލާ ރާއްޖެއިން ކުށްވެރިކުރާކަމާއި، ރާއްޖެ އޮންނާނީ އަބަދުވެސް ޤަޠަރު ފަދަ އިސްލާމީ އުޚުއްވަތްތެރި ޤައުމުތަކާ އެކުގައިކަން ހާމަކުރައްވާފަައެވެ.
އޯއައިސީ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި
ރައީސް ވިދާޅުވީ އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތައް މުގުރައިލާ އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ތަހައްމަލުކުރަން ރާއްޖެެއިން ދެކޮޅުހަދާކަމަށެވެ.
"ދޯހާއަށް އިސްރާއީލުން ދިން ހަމަލާއަކީ އުދުވާނީ އަމަލެއް އެކަންޏެއް ނޫން. އެއީ ޤަޠަރުގެ ސިޔާދަތަށް އަރައިގަތުމުގެ ސާފު ޖަރީމާއެއް. އަދި އެއީ މުޅި އަރަބި އިސްލާމީ އުންމަތުގެ ކަރާމަތަށް ދިން ހަމަލާއެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވީ ޣައްޒާގައި ޞުލްޙަ ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި މެދުވެރިއެއްގެ ހައިސިއްޔަތުން މުހިއްމު ގިނަ މަސައްކަތްތަކެއް ޤަޠަރުން ކުރަމުންދާ ކަމެވެ. އެފަދަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް ޤަޠަރަށް އިސްރާއީލުން ހަމަލާދިނުމަކީ އޭގެ ޒާތުގައި ޞުލްޙައަށް ހަމަލާދިނުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި އެ ހަމަލާއަކީ ރާވައިގެން ދިން ހަމަލާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދޯހާއަށް ހަމަލާދީގެން އިސްރާައީލުން ބޭނުންވަނީ ސުލްހައަށް އަދަބު ދީ، މަޝްވަރާކުރުމުގެ މަސައްކަަތް ނެތިކޮށްލަން. އަދި ބޭނުންވަނީ މުޅި ސަރަހައްދުގެ ހަމަޖެހުން ނަގައިލަން.،" ރައީސް ވިދާޅުވިއެވެ.
ހުޅަނގު އައްސޭރި ހިސޯރުކުރުމާއި، ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން އެ ރައްޔިތުންނަށް ވާސިލުވިޔަނުދިނުމާއި، ޑޮކްޓަރުންނާއި ނޫސްވެރިންނާއި އިންސާނީ އެހީ ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް ހަމަލާ ދިނުމާއި، މިހާރު ސުލްހައަށް އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމަށް ހަމަލާ ދިނުމަކީ ރާވައިގެން އިންތިޒާމުވެގެން އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ނަމުގައި ޣައްޒާގައި އާއްމުން ގަތުލުކުރަމުންދަނީ ސަލާމަތުގެ ނަމުގައި ކަމަށެވެ. އަދި އިސްރާއީލުން ކަންކަން ކުރަނީ ސުލްހައަށް އެދޭ ދައުލަތަކުން ކަންކުރާނެ ގޮތަށް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިސްރާއީލުގެ އަމަލުތަކަކީ ދެމިގެންދަނިވި ހަނގުރާމައިން ނަހަމަ ހިއްވަރު ހޯދާ އުދުވާނު ހިންގާ ދައުލަތެއްގެ އަމަލުތަކެއް ކަމަށެވެ.
"ބިރުވެރިކަން ހަތިޔާރަކަށް ހަދައި ވަހުޝީ އަނިޔާވެރިކަން އާއްމުކޮށްގެން އިސްރާއީލުން އުޅެނީ މުޅި ރައްޔިތެއްގެ އުންމީދުތައް ނައްތައިލަން. ރާއްޖެއިން އަނިޔާވެރިކަމާއި ސުންނާފަތިކުރުމުގެ މި ރާސްތާއަށް އިންކާރުކުރަން. އަނިޔާވެރިކަމާއި އިސްތިއުމާރުން ސަލާމަތްވެގެން ދިރިއުޅުމުގެ ހައްގާއި، އިންސާނީ ކަރާމަތުގެ ދިފާއުގައި ރާއްޖެ އަބަދުވެސް އޮންނާނީ ސާބިތުކަންމަތީ،" ރައީސް ވިދާޅުވިއެވެ.
ފަލަސްތީނާއި ޔަމަނާއި، ލުބުނާނާއި ސޫރިޔާ އަދި ދޯހާގައި އިސްރާއީލުން އަމަލުކޮށްފައިވަނީ އިންސާފާއި އަދުލަށް ނަފުރަތުކުރުމާއެކު، ޖަވާބުދާރީވުމެއް ނެތި، ބައިނަލްއަގުވާމީ ގާނޫނުގެ ހުރިހާ އަސާސްތަކާ ފުށުއަރާ ގޮތަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ގަތަރުގެ ސިޔާދަތާއި ސަލާމަތް އޮތީ މިއަދު އޯއައިސީ ބައްދަލުވުމުގައި ބައިވެރިވި ކޮންމެ ގައުމެއްގެ ސިޔާދަތާއި ސަލާމަތާ ގުޅި ލާމެހިފައެވެ. އަދި ގަތަރަށް ދިން ހަމަލާއަކީ އެ ހުރިހާ ގައުމަކަށް ދިން ހަމަލާއެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ އޮތީ ސާބިތުކަންމަތީ ގަތަރާއެކު ކަމުގައި ރައީސް ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނުވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ކަން އޮތް ގޮތް ނޭނގޭކަމަށް ނުބުނެވޭނެ ކަމަށެވެ. ޖެނީވާ ކޮންވެންޝަނާއި، ބައިނަލްއަގުވާމީ އެތައް މުއާހަދާއެއްގައި އިސްތިއުމާރަކީ ގާނޫނާ ހިލާފުކަމެއްކަން އަދި ޖަމާއީ އަދަބު ނުދެވޭނެކަން ބަޔާންކުރާއިރު އިސްރާއީލުން އެކަންކަމާ ތަކުރާރުކޮށް ހިލާފުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުގައި އެއްވެސް މާނައެއް ހުރިނަމަ އެ ގާނޫނު ހުރިހާ ދައުލަތެއްގެ މައްޗަށް ހަމަހަމަކޮށް ހިނގަންވާނެ ކަމަށެވެ.
އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރުމުން ނުފެދޭކަން ފާހަގަކުރައްވައި ގާނޫނީ ޑިޕްލޮމެޓިކް އަދި އިންސާނީ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައްވަމުން، ބައިނަލްއަގުވާމީ ގާނޫނީ މުއައްސަސާތަކުގެ ތެރެއިން އިސްރާއީލު ޖަވާބުދާރީކުރުވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް އެކަނި ގިނިކަންޏާ އަނިޔާވެރިކަމާ ކުރިމަތިލަން ދޫކޮށްނުލުމަށް ތަކުރާރުކޮށް ގޮވައިލެއްވިއެވެ.
އަދި މިއަދުގެ ބައްދަލުވުމަކީ އެކަތިގަނޑެއްގެ ގޮތުގައި އިސްލާމީ އުންމަތް ތެދުވި ބައްދަލުވުމަށް ހެއްދެވުމަށް ބައްދަލުވުމުގެ ބައިވެރިންނަށް ގޮވައިލައްވަމުން ރައީސްވަނީ އެއްބައިވަންތަކޮށް މި އުންމަތް ތެދުވެއްޖެނަމަަ އެއްވެސް އަދުއްވަކަށް އުންމަތަށް އަނިޔާވެރިނުވެވޭނެކަން ހަނދުމަފުޅުކޮށްދެއްވާފައެވެ.