ENGLISH
16 ސެޕްޓެމްބަރު 2025
ބިލަށް އިސްލާހު ގެނައީ ނޫސްވެރިން ބޭނުންވި ގޮތަށް: ވަޒީރު އިބްރާހީމް ވަހީދު
15 ސެޕްޓެމްބަރު 2025
|
މީޑިއާ ފޯރަމްގައި ވަޒީރު އިބްރާހީމް ވަހީދު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމްޓީވީ
ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ބިލަށް އިސްލާހުތައް ގެނެސްފައިވާނީ ރާއްޖޭގެ ނޫސްވެރިން ބޭނުންވި ގޮތަށް ކަމަށް ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
ވަޒީރު އިބްރާހީމް ވަހީދު މިފަދައިން ވިދާޅުވީ ރޭ އޮތް މީޑިއާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރި މީޑިއާ ފޯރަމްގައި ވަޒީރު ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު ބިލު ބަދަލުކުރީ މަޝްވަރާތައްކޮށް ނޫސްވެރިން ބޭނުންވި ގޮތަށް ކަމަށެވެ.
"އަޅުގަނޑު މިއަދުވެސް މި ދަންނަވަނީ ރާއްޖޭގެ ނޫސްވެރިންގެ ހައްގުގަ ބިލެއް ތައްޔާރުކުރަންޏާ އޮންނަން ޖެހޭނީ ރާއްޖޭގެ ނޫސްވެރިންނަށް މިތާ ފުޅާ ދާއިރާއެއްގަ ނޫސްވެރިކަން ކުރެވޭ ގޮތަށް. ރާއްޖޭގެ ނޫސްވެރިން ބޭނުންވި ގޮތަށް މިއަދު އަޅުގަނޑުމެން މި ތައްޔާރުކޮށްގެން މި ގެނައީ" - ވަޒީރު އިބްރާހީމް ވަހީދު
ވަޒީރު ވިދާޅުވީ ރާއްޖޭގައި ނޫސްވެރިންނަށް އެވްރެޖްކޮށް ކުޑަ މުސާރައެއް ލިބޭއިރު، ލިޔާ ލިޔުމަކުން ޖޫރިމަނާ ކުރުމަށް އޮތް އޮތުން މިހާރު ބިލުން އުނިކޮށްފައިވާ ކަމަށެވެ. އެ މާއްދާ އުނިކުރުމާއެކު ރާއްޖޭގެ އެއްވެސް ނޫސްވެރިއަކަށް އަޅާނެ ފިޔަވަޅެއް ޖޫރިމަނާއެއް ނޯންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ އަނެއް ކަންބޮޑުވުމަކަށް އޮތީ މައްސަލަ ބަލަމުންދާ މަރުހަލާގައި ލައިސަންސް ހިފެހެއްޓުން ކަމަށާއި، ބިލަށް ގެނައި ބަދަލާއެކު މިހާރު މައްސަލަ ބަލައި ނިމުމުން ނޫނީ އެފަދަ އަދަބެއް ނުދޭނެކަމަށް ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބިލު ބޭނުންކޮށްގެން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެގޮތުން އެ ބިލުގައި މީޑިއާ މާނަކޮށްފައިވަ އޮންނަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް ރެގިއުލޭޓް ނުކުރާނެކަމަށް ވަޒީރު ތަކުރާރުކުރެއްވިއެވެ.
ގިނަ ބަޔަކު ބައިވެރި މީޑިއާ ފޯރަމްގެ ތެރެއިން. ފޮޓޯ: އެމްއެމްޓީވީ
މީޑިއާ ބިލުގެ މާޒީގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލު ވެސް ވަޒީރު އިބްރާހީމް ވަހީދު ހިއްސާކުރެއްވިއެވެ. އެގޮތުން މިދިޔަ ވެރިކަންތަކުގައި މީޑިއާ ބިލް ވުޖޫދުކުރަން މަސައްކަތްކޮށް ކޮންމެ ފަހަރަކުވެސް ކުރަނީ "ޕާކް" ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން 2014 ވަނަ އަހަރު އޮތް އޭރުގެ ޕީޕީއެމްގެ ވެރިކަމުގައި ނޫސްވެރިން ބޭނުންވެގެން ބިލު ބޭއްވީ ކަމަށާއި، އޭގެފަހުން އައި އެމްޑީޕީގެ ވެރިކަމުގައި ވެސް ކަން ހިނގީ އެގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމްޑީޕީން 2020 ވަނަ އަހަރު ވުޖޫދުކުރަން މަސައްކަތްކުރި ބިލު އޮތީ މާ ނުރައްކާކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އޭރު އޮތް ބިލުގައި ހިމެނޭ ހަތް މެންބަރުންގެ ކޮމިޓީގައި މީޑިއާގެ ފަރާތުން އެކަކު ވެސް ނުހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ބިލުގައި މީޑިއާތަކަށް އޮތް ހަމައެކަނި ފުރުސަތަކީ "ލަފާދޭ ކޮމިޓީއެއް" އޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމިޝަނަށް މީހުން އައްޔަނުކުރުމާއި ވަކިކުރުމުގެ ހުރިހާ ބާރެއް އޭރުގެ ބިލުގައި އޮތީ މަޖިލީހަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަރުކަށިކޮށް އޭރު ހަދާފައި އޮތް ބިލު ކުރިއަށްގެންދަން ވޯޓު ދެއްވީ މިއަދު "އަނެއް ޖަގަހައިގައި" މި ބިލާ ދެކޮޅަށް ވާހަކަދައްކަވާ ބޭފުޅުން ކަމަށް ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
މީޑިއާ ފޯރަމްގައި ވަނީ ތަޖުރިބާކާރު ނޫސްވެރިންނާއި، އާއްމު ފަރާތްތަކުން ވެސް ހިޔާލު ފާޅުކޮށްފައެވެ. ބައިވެރިންގެ ޝުއޫރުތަކުގައި ޖުމްލަކޮށް ފާހަގަކުރީ ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓްކުރުން މުހިއްމު ކަމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބިލް ފާސްކުރީ އިއްޔެ އެވެ. ބިލަށް ސަރުކާރުން 14 އިސްލާހެއް ހުށަހެޅިއެވެ.
ސަރުކާރުން ބުނީ އެ އިސްލާޙުތަކާއެކު ނޫސްވެރީންނާއި މީޑިއާތަކުގެ މައިގަނޑު ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.