ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

އެމްއެސްޕީއޭ ފިލްމް އެވޯޑްސް: ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޗިޅިޔާ މޫސަގެ ނަންފުޅަށް

20 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޗިޅިޔާ މޫސަގެ ނަންފުޅަށް

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގ އަރޓްސް (އެމްއެސްޕީއޭ) ގެ ފުރަތަމަ ފިލްމު އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް މަޝްހޫރު ފިލްމީ ތަރި, އަލްމަރްޙޫމް މޫސާ މަނިކު (ޗިޅިޔާ) ގެ ނަންފުޅަށް ޚާއްސަ ކުރަން ނިންމައިފި އެވެ.

އެމްއެސްޕީއޭގެ ޗެއަރޕާސަން މުޙައްމަދު ރަޝީދު (ދަރާ) ވިދާޅުވި ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް މޫސަ މަނިކަށް ޚާއްސަ ކުރަން ނިންމެވީ ފިލްމީ ދާއިރާއަށް ޗިޅިޔާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ. 

މޫސާ މަނިކު ވަނީ ތަފާތު އެތައް ފިލްމެއްގަ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މި ފިލްމުތަކުގަ ތަފާތު އެތައް ރޯލެއް އޭނާ ވަނީ އަދާކުރައްވާފައެވެ. ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ ފިލްމާއި، 30 އަށް ވުރެ ގިނަ ޑްރާމާގަ އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޗިޅިޔާ މޫސާ މަނިކުގެ މޮޅު އެކްޓިންގެ ސަބަބުން ތަފާތު އެކި އެވޯޑްތައް ވަނީ ހާސިލުކުރައްވާފަ އެވެ. އެގޮތުން، އޭރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގަވާ، "އާފަތިސް" އެވޯޑް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް އަދި ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެ އެވެ. އަދި 1996 ވަނަ އަހަރު، ބެސްޓް ސަޕޯޓިން އެކްޓަރުގެ މަގާމު، ފިލްމު "ހަގު އަނބި" ން އޭނާ ހޯއްދަވާފައިވެ އެވެ. އަދި "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008 ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.

މިރޮނގުން އޭނާ އެންމެ ފަހުން ޙާޞިލު ކުރެއްވި ކާމިޔާބީއަކީ، ޕަރފޯމިން އާޓްސްގެ ދާއިރާއިން؛ ފިލްމާ، ތަމްސީލް ކުޅުމުގެ ރޮނގުން 2009 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލު ކުރެއްވުމެވެ.

ފިލްމީ ދާއިރާގަ އެންމެ ފަހު ވަގުތާ ހަމައަށްވެސް ޗިޅިޔާ މޫސާ މަނިކު ދެމިހުންނެވީ، މިދާއިރާއަށް އޭނާގެ ހިތްޕުޅުގަ އުފެދިފަ އޮތް ބޮޑު ޝައުޤުވެރިކަމުގެ ސަބަބުންނެވެ. އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، އެއްވެސް އަގަކާ ނުލާ ވަރަށް ގިނަ ދިވެހި ފިލްމާ، ޑްރާމާގަ މަސައްކަތް ކޮށްދެއްވާފައިވުމެވެ. ހަމަ އެއާ އެކު، ދިވެހި ފިލްމީ ދާއިރާއަށާ، މުނިފޫހިފިލުވުމުގެ ދާއިރާއަށް މިވޭތުވެދިޔަ ތާނގަ ނުކުތް ދެ ޖިންސުގެ އެކި ޢުމުރުފުރާގެ ފަންނާނުންނަށް މި ދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތައް ފަހިކޮށްދެއްވާ، އެކަމުގެ ހުނަރު ދަސްކޮށްދެއްވުމުގައިވެސް ޗިޅިޔާ ވަނީ، ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގ އަރޓްސް (އެމްއެސްޕީއޭ) ގެ ފުރަތަމަ ފިލްމު އެވޯޑްސް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.

ކިޔުންތެރިންގެ ހިޔާލު