ENGLISH

04 ޖުލައި 2025

Advertisement

އަންނަ ރަމަޟާން މަހު ހާފިޒުންގެ ޢަދަދު ދެ ގުނަވާނެ: ޑރ. ޝަހީމް

04 ޖުލައި 2025

|

ހަސަން އާމިރު

އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ ގިނަ އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެ ކަމަށާއި މިދިޔަ ރޯދަ މަހުގެ 27 ވިލޭރެއާ ބަލާފައި ދެ ގުނަ އިތުރުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެެވެ.

ސޯޝަލް މީޑިއާގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހަފްތާގައި ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހާފިޒުންގެ އިމްތިހާނު ކުރިއަށްދާ ކަމަށެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ގުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި މި ވަގުތު އަންނަނީ 1434 ދަރިވަރުން ގުރުއާން ހިތުދަސްކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 783 އަންހެން ކުދީންނާއި 651 ފިރިހެން ކުދީންނެވެ. އެންމެ ގިނަ ދަރިވަރުން ޤުރުއާން ހިތުން ދަސް ކުރަމުން އަންނަނީ ކީރިތި ޤުރުޢާނާބެހޭ މަރުކަޒުގަ އެވެ. މާލޭގައި ހިންގާ އެ މަރުކަޒުގައި 424 ކުއްޖަކު ދަނީ ޤުރުއާން ހިތުން ދަސްކުރަމުންނެވެ. މީގެ އިތުރުން ކީރިތި ޤުރުޢާނާބެހޭ މަރުކަޒުގެ ހުޅުމާލެ ގޮފީގައި 155 ދަރިވަރުން އަދި ވިލިމާލެ ގޮފީގައި 45 ދަރިވަރުން ޤުރުއާން ހިތުން ދަސްކުރަމުންދާއިރު ފުވައްމުލަކު ގޮފީގައި 67 ދަރިވަރުން، އަލިފުށީ ގޮފީގައި 34 ދަރިވަރުން، ގއ. ދާންދޫގައި ހިންގާ ގޮފީގައި 42 ދަރިވަަރުން އަދި ރ. ކިނަޅޮހުގައި ހިންގާ ގޮފީގައި 80 ދަރިވަރުން އަންނަނީ ޤުރުއާން ހިތުދަސް ކުރަމުންނެވެ.

ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް، ހާފިޒުކަމުގެ ސަނަދު އެރުވުމަށް މުޅިން ހާފިޒުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިދިޔަ އަހަރުގެ ރޯދަ މަހުގެ 27 ވިލޭރޭ ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި ވަނީ ގުރުއާން ހިތުދަސްކުރި 24 ހާފިޒަކަށް ސަނަދުދީފަ އެވެ. މިއީ އަހަރެއް ތެރޭ އެންމެ ގިނަ ބަޔަކު ޙާފިޒު ކަމުގެ ސަނަދު ހާސިލުކުރި އަހަރެވެ.

ހާފިޒުންނަށް ދެމުންނަ އެލަވަންސް ވެސް މި ޖުލައި މަހުން ފެށިގެން ދެގުނަ ބޮޑުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އެމަނިކުފާން ވަނީ ނިންމަވައިފަ އެވެ. ރައީސްގެ މި ނިންމެވުމާ އެކު ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް މިހާރު، މަހަކު 4000 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ.

ރާއްޖޭގައި މިވަގުތު 266 ހާފިޒުން އެބަތިއްބެވެ. 

ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ޙާފިޒުން އުފެއްދޭ މިންވަރަށް އެ މަސައްކަތް ފުޅާ ކުރެއްވުމެވެ. އަދި ފަސް އަހަރު ތެރޭ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1،000 އަށް އެރުވުމަކީ ވެސް އިސްލާމިކް މިނިސްޓްރީގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު