ENGLISH

05 ޖުލައި 2025

Advertisement

މަގުތައް ތަރުތީބު ކުރުމުގެ މަސައްކަތް: މައި ދެ މަގުން 400 އަށްވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

01 ޖުލައި 2025

|

އަޙުމަދު ޙަމީދު

ފުލުހުން ވެހިކަލް ޓޯ ކުރަނީ -- ފޮޓޯ: ޕޮލިސް

މާލެ ސިޓީގެ މައި ދެ މަގު ކަމަށްވާ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުރާ އުޅަނދުތައް ޓޯ ކުރަން ފެށި ފަހުން މިހާތަނަށް 400 ވުރެ ގިނަ އުޅަނދު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ 19 ދުވަސްތެރޭ ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ 422 އުޅަނދު ޓޯވް ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، މަޖީދީ މަގުން ޓޯވް ކުރި، 219 އުޅަނދާއި ބޮޑު ތަކުރުފާނުމަގުން ޓޯވް ކުރި 203 އުޅަނދެވެ.

މި ނިންމުމަކީ މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

އެގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ދުއްވި މީހުންނާއިމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށާ އަދި އެ ގޮތަށް ޓޯ ކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު