ENGLISH

05 ޖުލައި 2025

Advertisement

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އައު ރަޖިސްޓްރީ ދޫކުރަން ފަށަނީ

01 ޖުލައި 2025

|

އަޙުމަދު ޙަމީދު

ގުޅިފަޅު --

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންނަށް އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ދޫކުރުމަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައި ކަމަށެވެ.

އަދި މި ބަދަލާއި ގުޅިގެން އެ މިނިސްޓްރީން ފަހުން ކުރި އިޢުލާނުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި 2025 މޭ 30 ވީ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ގުރުނެގުން ބާއްވާފައިވާ ކަމަށެވެ.

މި ބަދަލާއި ގުޅިގެން، ގޯތި ލިބޭ މީހުންގެ ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާޠިލް ކުރެވި އަދި ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އުވިގެންގޮސްފައިވާތީ، އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އާ ޙަވާލުވުމަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.

މިގޮތުން، ކޮންމެ ގަޑިއަކަށް ވެސް އެޕޮއިންޓްމަންޓްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ މީހުންނަށް މި މަހުގެ ހަތެއްވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެޕޮއިންޓްމަންޓްއަށް އެދޭއިރު ބައެއް ލިޔެކިޔުންތައް "ހިޔާވެހި ޕޯޓަލް" އަށް ހުށަހަޅަން ޖެހެ އެވެ. 

* އައު "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ 01 (އެކެއް) ފަރާތުގެ އައިޑީ ކާޑު ކޮޕީ

* ގޯތިލިބޭ ފަރާތް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ، "ހިޔާވެހި ޕޯޓަލް" ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ. (ޕަވަރ އޮފް އެޓަރނީ ބަލައިގެވޭނީ، ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

* މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ގެ ކޮޕީ

މިގޮތުން، ގޯތި ލިބޭ މީހުން "ހިޔާވެހި ޕޯޓަލް" އިން އެޕޮއިންޓްމަންޓްއަށް އެދި އިޚްތިޔާރުކޮށްފައިވާ ތާރީޚާއި ގަޑިއަށް ރިޢާޔަތްކޮށް، މިނިސްޓްރީއިން އަންގާ ތަނަށް ދިއުމުން އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ޙަވާލު ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ މީހުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި މީހެއްގެ ފޯނު ނަންބަރަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" އާއި ޙަވާލުވުމަށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު