ENGLISH

05 ޖުލައި 2025

Advertisement

އެމްޑީޕީ އުފެދިގެން އައީ އިންސާފު ޤާއިމުކޮށްދޭނެ ކަމުގެ ދޮގު ވަޢުދާއެކު: ޝުޖާޢު

01 ޖުލައި 2025

|

އިސްމާއީލް ރާތިއު

ބާރަށު ދާއިރާގެ މެންބަރު، އިބްރާހީމް ޝުޖާޢު-- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އެމްޑީޕީ އުފެދިގެން އައީ އިންސާފު ޤާއިމުކޮށްދޭނެ ކަމުގެ ދޮގު ވަޢުދާއެކު ކަމަށް، ބާރަށު ދާއިރާގެ މެންބަރު، އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނެއުމަށް މަޖިލީހަށް ހުށަހެޅިފައި ބިލަށް ބަހުސްކުރައްވަމުން ޝުޖާޢު މިއަދު ވިދާޅުވީ، މި ބިލު އުފެދިގެން އައީ 17 ވަނަ މަޖިލީހަށް އޭރުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، މަޖިލީހަށް ފުރަތަމަ ފަހަރަށް މި ބިލު ހުށަހެޅުއްވި ހިސާބުން ކަމަށާއި، މި ބިލަކީ ވަރަށް މާތް މަޤްޞަދެއްގައި ހުށަހެޅިފައިވާ ބިލެއް ކަމަށެވެ. އެގޮތުން، މި ބިލަކީ ފަނޑިޔާރުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމާއި، ފަނޑިޔާރުންނަށް ދޭންވާ ޙަޤީޤީ ޢިއްޒަތް ހޯދައިދިނުމުގެ މަޤްޞަދުގައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އިދިކޮޅު އެމްޑީޕީ މެންބަރުން މި ބިލަށް ފާޑުކިޔާ، މި ބިލަކީ އެއްވެސް މަޤްޞަދެއް ޙާޞިލުވާކަހަލަ ގޮތަކަށް އޮތް ބިލެއް ނޫންކަމަށް ބުނަމުންދަނިކޮށް، ޝުޖާޢު ވަނީ އިދިކޮޅު މެންބަރުންނަށް ވަރަށް ވަރުގަދަ، އަދި ވަރަށް ފުރިހަމަ ރައްދެއް ދެއްވާފައެވެ. އެގޮތުން، ޝުޖާޢުގެ ވާހަކަ ފައްޓަވަމުން ވަނީ، 17 ވަނަ މަޖިލީހަށް މި ބިލު ހުށަހެޅުމުން އޭރުގަ އޮތް އެމްޑީޕީ ސަރުކާރުން ކަންތައް ކުރި ގޮތް ހަނދައިން ކޮށްދެއްވާފައެވެ. ޝުޖާޢު ވިދާޅުވީ، މި ބިލު ހުށަހެޅުމާއެކު އެމްޑީޕީ ސަރުކާރުން ފަނޑިޔާރަކު ވަގަށް ނަގާ، އޭނާގެ ޢާއިލާއާއި ދުރުގަ ބަހައްޓައިގެން އަނިޔާކުރީ ކަމަށެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކަށް ޙަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރަކީ މިއީ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"މި ބިލު ހުށަހެޅުމާއެކީގައި އޭރުގަ އުފެދިފަ އޮތް އެމްޑީޕީ ސަރުކާރުން ޢަމަލުކުރި ގޮތާ ދޭތެރޭ އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން. ޢިއްޒަތްތެރި ރައީސް، ފަނޑިޔާރަކު ވަގަށް ނެގީ. ފަނޑިޔާރަކު ވަގަށް ނެގީ، ނަގާފަ އޭނަގެ ޢައިލާއާ ދުރުގަ ބަހައްޓައިގެން އަނިޔާ ދިނީ. މިއީ، ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކަށް ޙަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރު. އެމްޑީޕީގެ ވެރިކަމުގެ ތެރޭގަ މިކަން ހިނގީ." ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ މިކަން ވެގެންދިޔައީ، އިންސާފު ޤާއިމުކުރުމުގެ ނަމުގައި، ރައްޔިތުންގެ ބޮލަށް ފިތައިގެން ދޮގު މަޢުލޫމާތު ދީގެން، ދޮގު ވަޢުދުތަކަކާއެކު 2008 ވަނަ އަހަރު އުފެދިގެން އައި ވެރިކަމުގަ، އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް މާތް މަޤްޞަދެއްގައި ހުށަހެޅި މި ބިލުން، ފަނޑިޔާރުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމުން ފަނޑިޔާރުންނަށް ދިން އިންޒާރުގެ ރަނގަބީލަށް ކަމަށެވެ. އަދި މި ކަމަކީ ސީދާ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އޯޑަރަށް ހިނގައިދިޔަ ކަމެއް ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

"ދެހާސް އަށެއްގަ، އިންސާފު ޤާއިމުކުރުމުގެ ނަމުގަ ރައްޔިތުންގެ ބޮލަށް ފިތައިގެން ދޮގު މަޢުލޫމާތާއި ދޮގު ވަޢުދާއި ރައްޔިތުންގެ ކަރުގަ ހިފާ، ރައްޔިތުންނަށް ނުބައި މަޢުލޫމާތު ދީގެން އުފެދިގެން އައި ވެރިކަމުގަ، އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް މާތް މަޤްޞަދެއްގަ ހުށަހެޅުއްވި މި ބިލަށް، މި ބިލުން، ފަނޑިޔާރުންގެ ހައްޤުތައް ކަށަވަރު ކޮށްދިނީމަ ފަނޑިޔާރުންނަށް ދިން އިންޒާރުގެ ރަނގަބީލަށް ވެގެންދިޔައީ، އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ނަގާ ހައްޔަރު ކުރުން. ސީދާ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އޯޑަރަށް ހިނގައިދިޔަ ކަމެއް، ޢިއްޒަތްތެރި ރައީސް." ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރަށް، ޝުޖާޢު ވަނީ އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ފަނޑިޔާރުންގެ ދެވަނަ ވެރިކަމުގައި ފަނޑިޔާރުންނަށް ޕްރޮމޯޝަން ދެމުންދިޔަ ގޮތަށްވެސް ފާޑު ވިދާޅުވެފައެވެ. މިކަންކަން މިހެން ހުއްޓަ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ވާހަކައާއި ފަނޑިޔާރުންނަށް ޢިއްޒަތްލިބޭ ގޮތާއި އެމީހުންގެ ޕްރޮމޯޝަންތައް އައި ގޮތުގެ ވާހަކަ ދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ޝުޖާޢު ވިދާޅުވީ، ކްރިމިނަލް ކޯޓުގަ އިންނެވި ފަނޑިޔާރަކު، ހައިކޯޓު ފަހަނައަޅާ ސުޕްރީމް ކޯޓަށް ދިޔަގޮތް ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. މިފަދަ ކަންކަމުގައި އިންސާފާއި ނިޒާމެއް އޮންނަންޖެހޭކަން ފާހަގަކުރައްވާ، ޝުޖާޢު ވިދާޅުވީ ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް "ހިޖުރަކުރާނެ" ގޮތް، މިހާރު ހުށަހަޅާފައި އޮތް އިޞްލާޙުން ބަޔާންކޮށްދޭ ކަމަށެވެ.

"ޢިއްޒަތްތެރި ރައީސް، މީގެ ކުރިން އަޅުގަނޑުމެންނަށް ނޫންތޯ ފެނިގެންދިޔައީ އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ތެރޭގަ ފަނޑިޔާރުންގެ ޕްރޮމޯޝަން އައި ގޮތް؟ އަޅުގަނޑުމެންނަށްތާ އެނގޭނީ. ކުރީގަ އަޅުގަނޑުމެންގެ ޕާޓީގެ ރައީސްގެ މައްސަލަ، ޝަރީޢަތް ހިނގަމުންދިޔައިރު ވެގެންދިޔަ ގޮތް މިއީ ވަރަށް ކައިރީގެ މާޒީ. މިއަދު އެމްޑީޕީން ލަދުގަންނަން ޖެހޭނެ އިނގޭތޯ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ވާހަކައާ އެމީހުންނަށް ޢިއްޒަތްލިބޭ ގޮތާ އެމީހުންގެ ޕްރޮމޯޝަންތައް އައި ގޮތުގެ ވާހަކަ ދައްކަން. ޢިއްޒަތްތެރި ރައީސް، ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ޤަބޫލުކުރަމުންދިޔަ މައްސަލައެއްގަ، ކްރިމިނަލް ކޯޓުގަ އިންނެވި ފަނޑިޔާރަކު، މެދުތެރޭގަ އިންނަ ހައިކޯޓު ކަޑައްތުކޮށް، އޭގެ މައްޗަށް، ހައިކޯޓު މައްޗަށް ޖަމްޕުޖަހާފަ ގޮސް، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށްދިޔަ ގޮތަކީ، ރައްޔިތުން ބުނަނީ އެގޮތް ރަނގަޅެއް ނޫނޭ. އޭގަ އިންސާފު އޮންނަން ޖެހޭނޭ. ނިޒާމެއް އޮންނަން ޖެހޭނޭ. އެހެންވީމަ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅުކުރައްވާ، ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުން. އެހެންވީމަ، ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ހިޖުރަކުރާނެ ގޮތް، ބަޔާންކޮށްދެނީ މި ޤާނޫނުން." ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ އިންސާފު ޤާއިމްކޮށްދިނުމުގެ ނަމުގަ، ޖޭއެސްސީގެ ކޮމްޕޯޒިޝަން ބަދަލުކުރާނެ ކަމުގެ ވަޢުދާއެކު ކަމުގައެވެ. ނަމަވެސް ދެފަހަރަށް ވެރިކަން ލިބުނުއިރުވެސް އެކަން ނުވިއިރު، 19 ވަނަ މަޖިލީހަށް، މިހާރުގެ މަހިބަދޫ ދާއިރާގެ މެންބަރު، ޖޭއެސްސީގެ ކޮމްޕޯޒިޝަން ބަދަލުކުރަން ތިންފަހަރު މަތިން ހުށަހެޅުމުންވެސް މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލިކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު