ENGLISH

05 ޖުލައި 2025

Advertisement

ދި‎ވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ‎ބައިވެރިވެވަޑައިގެންފި

01 ޖުލައި 2025

|

ހަސަން އާމިރު

ސިންގަޕޫރުގައި މިއަދު ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައިވެރިވެވަޑައިގެންފިއެވެ.

‎މި ފޯރަމަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރަން އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި ފޯރަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ފަހި ސިޔާސަތު ދައްކުވައިދޭ ނަމޫނާއެކެވެ. މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ވިޔަފާރީގެ ގުޅުމުގެ ތެރެއިން ހާސިލުކުރެވުނު ކުރިއެރުންތަކުން ފާހަގަކޮށްލެވޭ އެހީތެރިކަމެއް ވެދެއްވާފައިވާ ދިވެހިންނަށާއި ސިންގަޕޫރުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިނާމު ދެއްވާފައެވެ.

‎ދެހާސް ސާޅީސް ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ރޭވިފައިވާ ކަންކަމުގެތެރޭގައި ހިމެނޭ، ސާފު ހަކަތައާއި މަތީ ފަންތީގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްޤީ އަދި ޑިޖިޓަލް އިޤްތިޞާދުގެ ދާއިރާތަކުން ހުރި މުހިންމު އިންވެސްޓްމަންޓް ފުރުޞަތުތައް، މި ފޯރަމްގެ މުހިންމު ބައެއްގޮތުގައި އާންމުކުރައްވާފައިވެއެވެ.

‎މި ފޯރަމްގެ ތެރެއިން ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ކޮންސަލްޓެންސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ސިންގަޕޯރ ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.

‎މީގެއިތުރުން، މި ފޯރަމްގެ ތެރެއިން އިތުރު ދެ އެގްރިމެންޓެއްގައި ސޮއިކުރައްވާފައިވެއެވެ.

‎އެ ގޮތުން ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއްގައި ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު ވަނީ ސޮއިކުރެވިފައެވެ. މި ޕްރޮގްރާމަކީ އިންވެސްޓް ކުރުމުން ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފުރުޞަތު ލިބޭ ޕްރޮގްރާމެކެވެ. ހެންލީ އެންޑް ޕާޓްނާރސްއަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފާމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެއެވެ.

‎މީގެ އިތުރުން، ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޤާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިންގ ސޯލާ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގެ މޫސުމާގުޅޭ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން 2028 ވަނަ އަހަރާއި ހަމައަށް ދިވެހިރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ނިސްބަތުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމުގެ މަސައްކަތަށްވެސް މި މަޝްރޫޢުގެ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

‎ސިންގަޕޫރުގެ މިނިސްޓަރ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަރަންމެންޓް، ހާރ އެކްސެލެންސީ ގްރޭސް ފޫ ހައި ޔިއެން، މި ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ކުރިއަށްގެންދެވޭ ޕާޓްނަރޝިޕް އިނީޝިއޭޓިވްތަކުގެ ހެޔޮ މިސްރާބު ފާހަގަ ކުރައްވައި، މި ކުރިއެރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެކަމުގެ އުންމީދު އައުކުރެއްވިއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ އެކި މެންބަރުން ވަނީ ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ވަރުގަދަ ގުޅުމުގެ ބިންގަލުގެ މައްޗަށް ބިނާކޮށް އިތުރު ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

‎މި ފޯރަމްގައި، "ފްރޮމް ފައުންޑޭޝަން ޓު ފިއުޗަރ: އެކްސްޕްލޯރިންގް އިންވެސްޓްމެންޓް ޕާޓްނަރށިޕްސް،" ޝިޢާރުގެ ދަށުން މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންދިޔައެވެ. މި މަޝްވަރާގައި އަލިއަޅުވާލެވުނީ ދިވެހިރާއްޖޭގެ ފުޅާ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތަކުގެ ފައިދާ ހޯދުމުގެ މައްޗަށެވެ.

‎ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައި، އެހެނިހެން ޚާއްސަ ހަރަކާތްތައްވެސް މި ފޯރަމްގެ ހަވާސާގައި ކުރިއަށްދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު