ENGLISH

02 ޖުލައި 2025

Advertisement

ސިންގަޕޫރު ދަތުރުފުޅުގައި މެޑަމް ސާޖިދާ، ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

01 ޖުލައި 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ. 

މެޑަމް ސާޖިދާ މުޙައްމަދު ޕްރާނަކަން މިއުޒިއަމަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ، އޭޝިއަން ސިވިލައިޒޭޝަންސް މިއުޒިއަމް އަދި ޕްރާނަކަން މިއުޒިއަމްގެ ޑިރެކްޓަރ މިސްޓަރ ކްލެމެންޓް އޯންއެވެ.

ޕްރާނަކަން މިއުޒިއަމުން ވަނީ އެ މިއުޒިއަމްގެ އާސާރުތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދައްކަވައިލައްވައި، އެ މިއުޒިއަމްގެ އެކިއެކި ކަލެކްޝަންތަކާ ބެހޭ މަޢުލޫމާތު އެ ކަމަނާއާ ހިއްސާ ކުރައްވާފައެވެ.

މި މިއުޒިއަމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޕްރާނަކަން ތަރިކައިގެ މައްޗަށް އެކުލެވިފައިވާ އެކިއެކި އެގްޒިބިޓް ދައްކުވައިދޭ އަދި އެބައިމީހުންގެ ތާރީޚާއި އަމިއްލަވަންތަކަމާއި ސަގާފަތާ ބެހޭ މަޝްވަރާތަކަށް ހުޅުވާލެވިފައިވާ މަންސައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު