ENGLISH

01 ޖުލައި 2025

Advertisement

އިޓަލީ އަށް ނޫނެކޭ ބުނެ، ރޯމާގައި ދެމިހުރުމަށް ރަނިއޭރީ ނިންމައިފި

10 ޖޫން 2025

|

މުޙައްމަދު އަދުހަމް

ރޯމާގެ ސީނިއަރ އެޑްވައިޒަރު، ރަނިއޭރީ. ފޮޓޯ: ރޮއިޓާސް

ހުސްވެފައިވާ އިޓަލީގެ ކޯޗުގެ މަގާމަށް ނޫނެކޭ ބުނެ، އޭއެސް ރޯމާގެ ސީނިއަރ އެޑްވައިޒަރެއްގެ ރޯލުގައި ދެމިހުރުމަށް ނިންމާފައިވާކަމަށް ކޯޗު، ކްލައުޑިއޯ ރަނިއޭރީ ބުނެފިއެވެ.

އިޓަލީގެ ކޯޗުގެ މަގާމު ހުސްވީ، ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމުގެ ދަށް ނަތީޖާތަކުން ސަބަބުން ކުރީން އެ މަގާމުގައި ހުރި ލޫސިއާނޯ ސްޕަލެއްޓީ މަގާމުން ދުރުކުރުމުންނެވެ.

ނިމިދިޔަ ސީޒަނުގައި ރޯމާ އަށް އިރުޝާދު ދިނުމަށްފަހު ދެވަނަ ފަހަރަށް ރިޓަޔާކޮށްފައިވާ ރަނިއޭރީ ބުނީ، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ފަރާތުން ރައީސް، ގެބްރިއެލް ގްރަވީނާގެ ފަރާތުން ޤައުމީ ޓީމާ ހަވާލުވުމަށް ލިބުނު ހުށަހެޅުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އަހަރެން، ރައީސް ގްރަވީނާއަށް ޝުކުރު އަދާކުރަން، މި ފުރުޞަތުދިނުމުން. މިއީ ވަރަށް ބޮޑު ޝަރަފެއް. އެކަމަކު އަހަރެން ވިސްނާފައި، ނިންމީ އަހަރެންގެ އައު މަޤާމުގައި ރޯމާއަށް އެހީތެރިވެދިނުމަށް ދެމިހުންނަން،" އިޓަލީގެ ނިއުސް އެޖެންސީ އޭއެންއެސްއޭ އަށް ދިން އިންޓަވިއުއެއްގައި ރަނިއޭރީ ބުންޏެވެ.

ކުރީން، ނަޕޯލީ އާއި ރޯމާގެ އިތުރުން އިންޓަރ މިލާނަށް ވެސް ކޯޗުކޮށްދީފައިވާ ސްޕަލެއްޓީ ވަނީ، ހުކުރު ދުވަހު ކުޅުނު ކޮލިފައިންގ މެޗުގައި ނޯވޭ އަތުން ބަލިވުމާއެކު މަގާމު ދޫކޮށްލާނެ ކަމަށް އިޢްލާނުކޮށްފައެވެ.

އިޓަލީގެ ޤައުމީ ޓީމާ ހަވާލުވުމާ ގުޅޭގޮތުން ކޮންމެ ނިންމުމެއް ނިންމިނަމަވެސް އެކަމަށް ފުރިހަމަ އެއްބާރުލުމާއި ތާއީދު (ފްރީޑްކިންސް) ރޯމާގެ ވެރިންގެ ކިބައިން ލިބިގެންދިޔަ ކަމަށާއި، އެހެންނަމަވެސް އެ ހުށަހެޅުމަށް ފުރަގަސްދިނުމަށް ނިންމި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށް ރަނިއޭރީ ވަނީ ބުނެފައެވެ.

ރަނިއޭރީ ވަނީ، ނިމިދިޔަ ސީޒަނުގެ ކުރީކޮޅު ރޯމާގެ ފެށުން ގޯސްވެފައިވަނިކޮށް، ހަވާލުވެ ގިނަ ކުރިއެރުންތަކެއް ހޯދައިދީ، ލީގުގެ ފަސްވަނަ މަގާމަށް ގެންގޮސްފައެވެ. އެގޮތުން، ރަނިއޭރީ އެ މަގާމާ ހަވާލުވި ހިސާބުން ޓީމުގެ ފޯމު ހަމައަކަށް އެޅި، ވަނީ ޔުރޮޕާ ލީގަށް ކޮލިފައިކޮށްދީފައެވެ. އެއަށްފަހު، ސީޒަން ނިމުމާއެކު ރޯމާގެ ކޯޗުގެ މަގާމުން އިސްތިއުފާދީ، ދެވަނަ ފަހަރަށް ރިޓަޔާކުރުމުން އެ މަގާމާ ހަވާލުވީ އެޓަލާންޓާގެ ކުރީގެ ކޯޗު، ޖިއާން ޕިއެރޯ ގަސްޕެރީނީ އެވެ.

ކިޔުންތެރިންގެ ހިޔާލު