ENGLISH

28 ޖުލައި 2026

Advertisement

އެސްއޯއީ ވަޒީފާތަކާ ގުޅިގެން އެމްޑީޕީން ހުށަހެޅި ގަރާރަކީ ދޮގު ވާހަކަތައް ހިމެނޭ ބޭގަރާރެއް: މެންބަރު އިބްރާހީމް

28 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

މެންބަރު އިބްރާހީމް އަޙްމަދު

ސަރުކާރު ކުންފުނިތައް ރައިޓް-ސައިޒްކުރުމަށްޓަކައި ކުންފުނިތަކަށް ބޭނުންނުވާ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަަކީ ސިޔާސީ ގޮތުން ވަކި ބަޔަކު ވަޒީފާއިން ވަކިކުރުމަށް ކުރާ ކަމެއްކަމަށް ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަކީ ހަގީތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް އެކުލެވޭ "ބޭގަރާރެއް"ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ. 

އެ ގަރާރަށް ބަހުސްކުރައްވަމުން މެންބަރު އިބްރާހީމްވަަނީ އެމްޑީޕީގެ ވެރިކަމުގައި އެކި ކުންފުނިތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރަމުންއައި އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަކުރައްވައި، އެކަމުގެ ބައެއް މިސާލުތައް ތާރީހުތަކާއެކު ވިދާޅުވެދެއްވާފައެވެ. މެންބަރު ވިދާޅުވި ގޮތުގައި ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ވަކި ފިކުރަކަށް ނިސްބަތްވާ މީހުން ވަޒީފާއިން ވަކިކުރުމުގެ ސަގާފަތަކީ އެމްޑީޕީން ގެންގުޅޭ ވިސްނުމެއް އަދި ސަގާފަތެކެވެ. 

"މިބޭފުޅުން ތުހުމަތުގެ ގަރާރެއް ލައި، ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލަން މަސައްކަތްކުރާއިރު މިގަރާރުގައި ނެތޭ ވަކިކުރި މީހެއް، ވަކިކުރި ތަނެއް ވަކިކުރި ދުވަހެއް، މިއިން އެއްވެސް ހަގީގަތެއް ސްޕެސިފިކްކޮށް މި ގަރާރުގައި ބަޔާންކޮށްފައި ނެތޭ،" މެންބަރު ވިދާޅުވިއެވެ. 

އެމްޑީޕީގެ ވެރިކަމުގައި މުވައްޒަފުންނާމެދު އަމަލުކުރި ގޮތުގެ މިސާލެއްގެ ގޮތުން މެންބަރު ފާހަގަކުރެއްވީ އެ ސަރުކާރުގެ ދާހިލީ ވަޒީރަށް ފުލުހުގެ ވަޒީފާގަައި މަސައްކަތްކުރި އަންހެންކުއްޖަަކާ ގުޅުވައި ތުހުމަތުތަކެއް ފެންމަތިވުމުން އެ ކުއްޖާ ވަޒީފާއިން ވަކިކޮށް އޭނާއާމެދު އިހާނެތިކޮށް ކަންކުރި ކަމަށެވެ. 

އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު އަބްދުއްލަތީފު މައްސަލައެއްގައި އޭނާގެ ދީނީ ރައުޔަ ފާޅުކުރެއްވުމުން އެއިރު އޭނާ ގައުމީ ޔުނިވަސިޓީގައި އަދާކުރައްވަމުންގެންދެވި ވަޒީފާއިން ވަކިކުރި ކަމަށާއި، އެއިރުގެ އިދިކޮޅު ޕީޕީއެމްއާ ގުޅުމުން ހިތަަދޫ އެއާޕޯޓުގެ އޮޕަރޭޝަންް އޮފިސަރުގެ މަގާމުގައި މަސައްކަތްްކުރަމުންއައި މުވައްޒަފަކު ވަޒީފާއިން ވަަކިކުރިކަމަށް މެންބަރު ވިދާޅުވިއެވެ. 

މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެންބަރާ ގުޅޭ ގޮތުން ހިޔާލެއް ފާޅުކުރުމުން ނ.ކުޑަފަރީ ސްކޫލުގެ އިސްލާމް ޓީޗަރު ވަޒީފާއިން ވަކިކުރިކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ. އިބްރާހީމް ވިދާޅުވީ މިއީ ސިޔާސީ ގޮތުން މީސްމީހުންނަށް އެއިރު ދީފައިހުރި ގެއްލުންތައް ކަމަށެވެ. 

މެންބަރު އިތުރަށް ފާހަގަކުރެއްވީ ޖުޑީޝަރީގެ މުވައްޒަފަކު ސަރުކާރަށް ފާޑުކިޔައިގެން ވަޒީފާއިން ވަކިކުރި ކަމަށެވެ. އިބްރާހީމު ސިފަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ޖުޑީޝަރީ ބޭނުންކުރަމުންއައީ އެއިރުގެ ސަރުކާރުން ބޭނުންވާ ގޮތަކަށް މޮޑެލަން އޮތް ފުށްގަނޑެއްގެ ގޮތުގައެވެ. 

"ހަމައެގޮތަށް 2022 ވަނަ އަހަރު ބަޖެޓުގައި ލިޔެވިފައި އޮތީ 407 މިލިއަން ރުފިޔާ ސިޔާސީ މަގާމުތަކަށް، އެއީ 970 މުވައްޒަފުންގެ ގޮތުގައި. އަހަރު ނިމިގެންދިޔައިރު 1007 ސިޔާސީ މަގާމު އޮތް. ހަމައެއާއެކު އެ އަހަރު ތެރޭގައި ޖެންޑާ މިނިސްޓްރީން ޖުމްލަ 21 މުވައްޒަފުން ވަޒީފާއިން ވަކިކުރެވިގެންދިޔަ،" މެންބަރު ވިދާޅުވިއެވެ. 

މެންބަރު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވައިކުރެއްވި ދުވަސްކަމަށްވާ 17 ނޮވެންބަރު 2023 ވަނައަށްވީ ހުކުރުދުވަހުވެސް އެމަަނިކުފާނު ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ގަސްތުކުރާކަމަށް ތުހުމަތުކޮށް މުވައްޒަފުން ވަޒީފާއިން ވަކިކުރިކަމަަށެވެ.

މި ގަރާރަކީ އެމްޑީޕީއަށް ކުރިއަށްދާނެ ގޮތެއް ނޭނގިގެން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެއްކަމަށާއި، އެ ގަރާރަށްޓަކައި މަޖިލީހުގެ ވަގުތު އިތުރު ބޭކާރުނުކޮށް ގަރާރު ބޭރުކޮށްލުމަަށް މެންބަރު އިބްރާހީމު ގޮވައިލެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު