ENGLISH

28 ޖުލައި 2026

Advertisement

ބަޔޮލޮޖިކަލް ޑައިވާސިޓީއާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖޭން ވަކާލާތުކުރަނީ

28 ޖުލައި 2026

|

އައިމިނަތު ޝަފާ

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ.

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ، ކުދި ޖަޒީރާ ޤައުމުތަކަށް ނުވަތަ 'ސިޑްސް' (SIDS) އަށް ހާއްސަ އިސްކަމެއް ދިނުމަށް ވަކާލާތު ކުރާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުން އޮންނާނީ އިއްޔެއިން ފެށިގެން އަންނަ އޯގަސްޓުމަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ. 

ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ މައިގަނޑު އަމާޒަކީ ކޮންވެންޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް އެކުލަވާލެވޭ ފަންނީ މާހިރުންގެ ގްރޫޕްތަކުގައި، ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަ ގޮނޑިތަކެއް ކަށަވަރުކުރުންކަމަށެވެ. މިއީ މިފަދަ ނިންމުންތައް ނިންމާ މަރުހަލާގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވުޒާރާއިން ފާހަގަކުރެއެވެ.

ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ.

މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ކުރިއަށްދާ ކޮންޒަވޭޝަން ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ރިވިއުކުރާ މަރުހަލާގައި، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގައުމުތަކުގެ އަމާޒުތައް ހިމެނުމަށް ރާއްޖޭން ބާރުއަޅާނެކަމަށްވެސް ބުންޏެވެ. އަދި ތިމާވެށީގެ ކަންކަން މޮނިޓާކޮށް ރިޕޯޓްކުރުމުގައި ސިޑްސްގެ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ރާއްޖޭގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަމެއްކަން ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ވުޒާރާގެ އިސްނެގުމާ އެއްގޮތަށް ރާއްޖޭން މި ބައްދަލުވުމުގައި ވަކާލާތުކުރާނެ އަނެއް މުހިންމު ކަމަކީ، ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކުރުމަށާއި، އެފަދަ ސައިންޓިފިކް މައުލޫމާތުތަކަކީ ހުރިހާ ގައުމުތަކަށް ފަސޭހައިން ލިބޭނެ މައުލޫމާތުތަކަކަށް ހެދުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށީގެ ދާއިރާއިން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، މި ބައްދަލުވުމަކީ ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި ވުޒާރާއިން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު