ENGLISH

28 ޖުލައި 2026

Advertisement

ގައުމީ ސަލާމަތަށް ނުރައްކާވާ އެތައްކަމެއް ދަނީ ހިނގަމުން، އޭގެ އަސަރު ދާހިލީ ސަލާމަތަށް ފޯރާ: ހިލްމީ

28 ޖުލައި 2026

|

އައިމިނަތު ޝަފާ

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އިބްރާހިމް ހިލްމީ ރޭގެ ޖަލްސާގައި ވާަހަކަފުޅުދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގިނަ ކަންތައްތަކެއް ހިނގަމުންދާކަމަށާއި އެ ނުރައްކާތަކުގެ އަސަރު ގައުމުގެ ދާހިލީ ސަލާމަތަށް ފޯރަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި "އިމާދުއްދީން" މަނަވަރު ކޮމިޝަން ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އަލިއަޅުވާލައްވައި ހިލްމީ ވިދާޅުވީ އެއްގަމާއި، ކަނޑާއި، އަދި ވައިގެ މަގުންރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގައުމީ ދިފާއީ ބާރު ޒަމާނީކުރުމާއި، ކޯސްގާޑްގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ހަލުއި މިނުގައި ކުރިއަށްދާކަމަށެވެ.

މިގޮތުގެ މަތިން ދިވެހި އަސްރިއްޔާގެ ކަނޑުގެ ބާރެއް އުފެއްދުމަށް ކުރެވުނު މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވައި ހިލްމީ ވިދާޅުވީ ތުރުކީވިލާތުގެ އަސްކަރީ މަނަވަރެއް ޒަމާނީ ހަތިޔާރާއެކު ހިދުމަތަށް ނެރެވިފައިވާކަމަށެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ބޭނުންކުރާ ފަދަ މަތީ ފެންވަރުގެ "ސްޕެޝަލް ބޯޓު ސްކޮޑްރަން" އެއް މިހާރު ދިވެހި އަސްކަރިއްޔާގައި އުފައްދާފައިވާ ކަމަށެވެ. މީގެ އިތުރަށް މިއަހަރުގެ ނަސްރުގެ ދުވަހުގެ ކުރިން ރާއްޖޭގެއައްސޭރިފަށުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ ކުރެވިފައިވާ "ވީ-އިންޓަރސެޕްޓް ކްރާފްޓް" ތަކެއް ދިވެހި ސިފައިންނަށް ލިބޭނެކަމަށް ވެސް ހިލްމީ ވިދާޅުވިއެވެ. 

ހިލްމީ ވިދާޅުވީ ބޭރު ކަނޑުތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމާއި ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލެވޭވަރުގެ އަސްކަރީ ބާރެއް ދިވެހި އަސްކަރިއްޔާގައި އޮންނަންޖެހޭކަމަށެވެ.

" ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެށި މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކަވާފަދަ އެތައްކަމެއް ދިވެހި ރާއްޖޭގެ ބޯޑަރުގެ ކައިރީގައި ކޮންމެ ވަގުތަކު ދަނީ ހިނގަމުން، އަދި އެ ނުރައްކާތައް މިވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރެއަށް ކުރިމަތިވެފައި، ދިވެހިރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް ދިފާއުކުރުމަށްޓަަކައި ހަމައެކަނި ރާއްޖޭގެ އެތެރެއަށް ސަމާލުކަންދީގެން މިއަދު ތިބެވޭކަށް ނެތް، ސަރައްދުގެ ބޭރުން ރާއްޖެއަށް ކުރިމަތިވާ ނުރައްކާތަކަށް ވެސް ސަމާލުކަން ދޭންޖެހިފައިމިވަނީ،" ހިލްމީ ވިދާޅުވިއެވެ.

ޒަމާނީ ވަސީލަތްތަކަކާއެކު، ދިވެހި އަސްކަރިއްޔާއަކީ އެއްވެސް ބައެއްގެ އެހީއާ ނުލައި ރާއްޖޭގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވާ ފައުޖަކަށް ހެދުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ފުރިހަމަވަމުންދާކަން ހިލްމީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރޭ ރަސްމީކޮށް ކޮމިޝަން ކުރެވިގެންދިޔަ "ޢިމާދުއްދީން" ނިސްބަތްކުރެވިފައިވަނީ އުތީމު ދަރިކޮޅުގެ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (ކަޅުތުއްކަލާ / ބޮޑު ރަސްގެފާނު) އަށެވެ. އޮސްޓްރޭލިޔާގެ "އޮސްޓަލް ލިމިޓެޑް"އިން ފަރުމާކޮށް ބަނދެފައިވާ މުޅިން އައު މި މަނަވަރަކީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެކަށޭނެ އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭގޮތަށް ބަނދެވިފައިވާ އުޅަނދެކެވެ.

މި މަނަވަރު ރަސްމީކޮށް ދިވެހިރާއްޖެއާ ހަވާލުކޮށްފައިވަނީ 19 އެޕްރިލް 2026ގައި އޮސްޓްރޭލިޔާގެ ޕާތްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ވެސްޓް އޮސްޓްރޭލިޔާއިން ފުރައިގެން ރާއްޖެއަށް އައުމަށް މި މަނަވަރު ވަނީ 3,000 ނޯޓިކަލް މޭލަށް ވުރެ ދިގު ރާސްތާއެއް ކަޑައްތުކޮށްފައެވެ. މިއީ އެމްއެންޑީއެފްގެ ތާރީހުގައި ވެސް ދިވެހި ސިފައިން އަމިއްލައަށް އޮޕަރޭޓްކުރި މަނަވަރެއް ކުރި އެންމެ ދިގު ދަތުރެވެ. 14 ދުވަހުގެ މި ދަތުރަށް ފަހު މަނަވަރު މާލެ އައިސްފައިވަނީ 15 ޖޫން 2026 ގައެވެ. މި މަނަވަރުގެ ހިދުމަތް ފެށުމުގެ ކުރިން، މަނަވަރުގެ ކަލާސީން ވަނީ އޮސްޓްރޭލިޔާގައި ގާތްގަނޑަކަށް ތިން މަސްދުވަހުގެ "ޕްރީ-ކޮމިޝަނިންގ" ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، އުޅަނދު އޮޕަރޭޓްކުރުމުގެ އަމަލީ ތަޖުރިބާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިސަރުންނާއި އެންލިސްޓެޑް ކަލާސީނުން ވަނީ ކުކް އައިލެންޑްގެ ކަނޑުމަތީގެ އަސްކަރިއްޔާއާ އެކު ދެ ހަފުތާގެ އަމަލީ ތަމްރީނު ފުރިހަމަކޮށްފައެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި މަނަވަރު "ޢިމާދުއްދީން" ވެގެންދާނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ގާބިލުކަން އެތައް ގުނައެއް އިތުރުކޮށްދޭނެ މުހިންމު އުޅަނދަކަށްކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު