ENGLISH

28 ޖުލައި 2026

Advertisement

ދައުލަތުގެ ކުންފުނިތަކުގައި ބޭނުން ނެތް މިންވަރަށް ވަޒީފާ އުފެއްދެވީ ރައީސް ޞާލިޙު: ޠާރިޤު

28 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު

ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ބޭނުން ނެތް މިންވަރަށް ވަޒީފާތައް އުފެއްދެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. 

ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މުނާސަބު މިންވަރަށް މަދުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކީ ސިޔާސީ ބޭނުމަށް މުވައްޒަަފުން ވަކިކުރުމަށް ކުރަމުންދާކަމެއްކަމަށް ތުހުމަތުކުރައްވަައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ޠާރިޤު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ދައުލަތުގެ ކުންފުނިތަކުގެ ތެރެއަށް ސިޔާސީ ބޭނުމަށްޓަކަައި ގިނަ އަދަދެއްގެ ވަޒީފާތަކެއް އުފައްދައި އިތުރުކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށެވެ. 

"ރައީސް ޔާމީނުގެ ވެރިކަމުގެ ތެރޭގައި އަދި އޭގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގެ ތެރޭގައިވެސް މިގޮތަކަށް ވަޒީފާތަކެއް (އުފައްދާފައިނުވޭ) ހަމައެކަނި ކުންފުނިތަކަަށް ބޭނުންވާ ގޮތަށް ވަޒީފާތައް އުފެއްދެވީ ރައީސް ޞާލިޙު،" ޠާރިޤު ވިދާޅުވިއެވެ. 

އިތުރަށް ޠާރިޤު ވިދާޅުވީ އެދުވަސްވަރު މަސްވެރިކަމުގައި އުޅުނު ގިނަ އަދަދެއްގެ ޒުވާނުން އެ ސިނާއަތް ދޫކޮށް ފެނަކަ ފަދަ ކުންފުނިތަކުގެ ވަޒީފާއަަށް ބަދަލުވަމުންދާތީ އެ ސިނާއަތަށް އަތުވެދާނެ ހީނަރުކަމަކާ ގުޅިގެން އެމްޑީޕީގެ ބައެއް ވެރިން ކަންބޮޑުވުން ފާޅުކުރެއްވުމުން، އެގޮތަށް ވަަޒީފާ ލިބޭ މީހުން އެމަނިކުފާނަށް އިންތިހާބުގައި ވޯޓުދޭނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވާ ކަމަށެވެ. 

"އެބޭފުޅާއާ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ލީޑާޝިޕުގެ ބޭފުޅުން މިސުވާލުކުރަނީ މަސްވެރިކަމުގެ ސިނާއަތުގައި ތިބި އެތައް ބަޔަކު ފެނަކައަށް ވެއްދިއްޖޭ، އެހެންވީމާ މަސްވެރިކަމުގެ ސިނާއަތް ހަލާކުވެގެންދެއޭ. ވިދާޅުވީ އުޖޫރަ ނުވަތަ ފައިސާ ލިބޭކަމަށްވަންޏާ ތިމަންނައަށް ވޯޓުދޭނޭ،" ޠާރިޤު ވިދާޅުވިއެވެ. 

އިތުރަށް ޠާރިޤު ވިދާޅުވީ މަސްވެރިކަމުގައި އުޅުނު ޒުވާނުންނަށް ފެނަކައިން ވަޒީފާ ދެއްވައި، އަށެއްކަ ހާސް ރުފިޔާގެ މުސާރައެއް ދިނުމުން އެހުރިހާ ޒުވާނުންގެ ވޯޓާއެކު 56 އިންސައްތައިގެ އަޣުލަބިއްޔަތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެކަމަށް ރައީސް ޞާލިޙު ޤަބޫލުކުރެއްވި ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ޞާލިޙު އުންމީދުކުރެއްވި ގޮތަށް ނަތީޖާ ނުނެރެވޭކަން އެނގިވަޑައިގަތްކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ. 

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ފެނަކައާއި ސްޓެލްކޯއަށް ރަށްރަށުގެ އާބާދީއާއި ފޯރުކޮށްދޭ ހިދުމަތުގެ ސައިޒަށް ބަލާއިރު އެވެރެޖުކޮށް ބޭނުންވަނީ ތިރީހަކަށް މީހުންނަމަވެސް ބައެއް ރަށްރަށުގައި 100 އެއްހައި މީހުން ފެނަކައިގެ ވަޒީފާގައި ތިބިކަން މެންބަރު ފާހަގަކުރެއްވިއެވެ. 

މިހާރު ޕީސީބީން ކުންފުނިތަކަށް ދީފައިވާ އިރުޝާދުތަކަށް އިޝާރާތްކުރައްވައި ޠާރިޤު ވިދާޅުވީ މިހާރު ހިނގަމުންދާ މަސައްކަތަކީ ކުންފުނިތަކަށް ގެއްލުންނުވާނެ ގޮތަށް ކުންފުނިތަކުގެ މަސައްކަތްތަކާއި ފޯރުކޮށްދޭ ހިދުމަތްތަކާ މުނާސަބު އަދަދަކަށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކަމަށެވެ. އިތުރަށް މެންބަރު ދެއްވި ޔަގީންކަމަކީ މި މަސައްކަތުގެ ތެރޭގައި ސަރުކާަރުން ގާނޫނާ ހިލާފަށް އެއްވެސް މުވައްޒަފަކާމެދު އަމަލުނުކުރާނެ ކަމެވެ. 

"ޕީސީބީން އެ އެންގީ ކުންފުނިތަކަށް ރަނގަޅު ސައިޒަކަށް ނުވަތަ އެހިދުމަތް ދެވޭ މިންގަނޑަށް، ކުންފުންޏަށް މާބޮޑު ގެއްލުމެއް ނުވާ ގޮތަށް އެކަންކަން ކުރަން. އަޅުގަނޑަށް ޔަގީން އެފަދަ ކަމެއް ނުވަތަ ހަރަކާތެއް އެއްވެސް ކުންފުންޏަކުން ހިންގާނަމަ ރާއްޖޭގެ ގާނޫނުތަކުގެ ބޭރުންނެއް ނުހިންގާނެ. އެމުވައްޒަފަކަށް ދޭންޖެހޭ އުޖޫރައާއި ދޭންޖެހޭ އިތުރު ފުރުސަތުތައް ނުދީ ވަޒީފާއިން ވަކިނުކުރާނެ،" ޠާރިޤު ވިދާޅުވިއެވެ. 

އޭނާގެ އަމިއްލަ ދާއިރާއިން މިސާލު ދައްކަވަމުން ޠާރިޤު ވިދާޅުވީ ކުރާނެ މަސައްކަތެއް ނެތް ގޮތަށް މަހިބަދޫގައި 30 މުވައްޒަފު އާރްޑީސީގެ ވަޒީފާއަށް ނަގާފައި ތިބި ކަމަށެވެ. މި ސަރުކާރު ބަދަލުވުމާ ހަމައަށް އެއްވެސް މަސައްކަތެއް ކުރަންނުޖެހޭ ގޮތަށް މުސާރަ ދެމުންއައި މުވައްޒަފުން ލައްވައި މަސައްކަތްކުރުވަން ފަށައި މި ސަރުކާރުން ވަޒީފާގައި ބޭތިއްބި ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު