ENGLISH
24 ޖުލައި 2026
ސިޓީގެ ކުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ނުގެންނާނަން: މަރެސްކާ
24 ޖުލައި 2026
|
މެންޗެސްޓަރ ސިޓީގެ އައު ކޯޗު އެންޒޯ މަރެސްކާ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
މެންޗެސްޓަރ ސިޓީގެ ކުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ނުގެންނާނެ ކަމަށް އެ ކުލަބުގެ އައު ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ. އޭނާ ހާމަކުރި ގޮތުގައި، ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ކުލަބުގައި ކާމިޔާބު 10 އަހަރު ހޭދަކުރިއިރު ގާއިމުކޮށްފައިވާ ބިންގަލަށް އޭނާ ފުރިހަމައަށް ތާއީދުކުރެއެވެ.
ލެސްޓަރ ސިޓީ އާއި ޗެލްސީގެ ކުރީގެ ކޯޗު މަރެސްކާ، ސިޓީގެ ކޯޗުގެ މަގާމާ ހަވާލުވީ މިދިޔަ މަހުއެވެ. އޭނާ މި މަގާމަށް އައީ އިއްތިހާދު ސްޓޭޑިއަމްގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި ހަ އިނގިރޭސި ޕްރިމިއަރ ލީގު ތައްޓާއި، ޔުއެފާ ޗެމްޕިއަންސް ލީގު ހިމެނޭހެން ގިނަގުނަ ކާމިޔާބީތަކެއް ހޯދައިދިން ގާޑިއޯލާގެ ބަދަލުގައެވެ.
މެންޗެސްޓަރ ޔުނައިޓެޑުން އެލެކްސް ފާގަސަން އަދި އާސެނަލުން އާސެން ވެންގާ ވަކިވުމުން އެ ކުލަބުތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް ބަލާއިރު، ގާޑިއޯލާ ފަދަ ކާމިޔާބު ކޯޗެއްގެ ބަދަލުގައި އަންނަ ކޮންމެ މީހަކަށްވެސް މިއީ އުނދަގޫ މަސައްކަތަކަށް ވާނެއެވެ. ނަމަވެސް މަރެސްކާ ބުނި ގޮތުގައި ކުރިން ސިޓީގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުމާއި، ކުލަބުގެ ހަރުދަނާ އޮނިގަނޑުގެ ސަބަބުން މި ބަދަލާއެކުވެސް ކާމިޔާބުކަމާއެކު ކުރިއަށްދެވޭނެ ކަމުގެ އިތުބާރު އޭނާއަށް އެބައޮތެވެ.
"ސިޓީން އަހަރެން އިޚުތިޔާރުކުރުމަކީ އަހަރެން ދެކޭގޮތުގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް،" 2022/23 ވަނަ އަހަރުގެ ސީޒަނުގައި ގާޑިއޯލާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މަރެސްކާ ބުންޏެވެ. "އަހަރެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ގާޑިއޯލާއަކީ ފާއިތުވި 20 ނުވަތަ 25 އަހަރުގެ ތެރޭގައި ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު. މިއީ ބޮޑު ގޮންޖެހުމެއް، އެކަމަކު އުފާވެރި ޝަރަފެއްވެސްމެ. ދިގު މުއްދަތަކަށް ކޯޗުން ތިބި ކުލަބުތަކުން އެމީހުން ވަކިވުމުން އާސެނަލް އާއި ޔުނައިޓެޑަށް ދިމާވި ފަދަ އުނދަގޫތަކެއް ކުރިމަތިވެދާނެ. ނަމަވެސް މި ކުލަބަށާއި ސަޕޯޓަރުންނަށްޓަކައި އެންމެ ރަނގަޅު ގޮތުގައި މަސައްކަތްކުރުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް."
ޔުނައިޓެޑާއި އާސެނަލަށް ދިމާވި ފަދަ މައްސަލަތަކުން ސިޓީއަށް ސަލާމަތްވެވިދާނެ ކަމަށް ފެންނަނީ ކީއްވެގެންތޯ ސުވާލުކުރުމުން، އުމުރުން 46 އަހަރުގެ މަރެސްކާ ވަނީ ކުލަބުގެ ހަރުދަނާ އިންތިޒާމުތަކަށް ތާރީފުކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ފާއިތުވި 17 އަހަރުގެ ތެރޭގައި ސިޓީން ބަދަލުކޮށްފައިވަނީ އެންމެ ތިން ކޯޗުންނެވެ. މިއީ އާންމުކޮށް ފެންނަ ކަމެއް ނޫން ކަމަށާއި، ރޮބާޓޯ މަންޗީނީގެ ދުވަސްވަރުން ފެށިގެން ފާއިތުވި 14 ނުވަތަ 15 އަހަރު ކުރަމުން އައި ރަނގަޅު މަސައްކަތް ކުރިއަށް ގެންދެވޭނެކަމުގެ އިތުބާރު އޮތީ މި ސަބަބާ ހުރެ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން މަރެސްކާ ވަނީ ކުރިން އެވަޓަންއަށް ލޯނު އުސޫލުން ފޮނުވާލި ޖެކް ގްރީލިޝްއަށް އަލުން ޓީމުން ފުރުސަތު ލިބުމުގެ މަގު ތަނަވަސްވެފައިވާ ކަމަށް އިޝާރާތްކޮށްފައެވެ. އޭނާ ބުނީ ކުލަބުގައި ތިބި ކޮންމެ ކުޅުންތެރިއަކަށްވެސް އިރުޝާދުދީ ކުރިއެރުވުމަކީ އޭނާގެ ޒިންމާއެއް ކަމަށާއި، ގްރީލިޝް އަކީ ރަނގަޅު އަޚުލާގެއްގެ ކުޅުންތެރިއެއް ކަމަށެވެ.
ވޯލްޑް ކަޕަށްފަހު ޓީމުގެ ގިނަ ކުޅުންތެރިން ޗުއްޓީގައި ތިބުމުން، މަރެސްކާ މިހާރު މަސައްކަތް ކުރަމުންދަނީ ކުލަބުގެ ޒުވާން ކުޅުންތެރިންނާއެކުގައެވެ. އޭނާގެ ފުރަތަމަ މެޗަކީ އަންނަ އޮގަސްޓް މަހުގެ 16 ގައި އާސެނަލާ ދެކޮޅަށް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން އެ މެޗުގެ ތިން ހަތަރު ދުވަސް ކުރިން ޓީމާ ގުޅޭނެ ކަމަށާއި، ޒުވާން ކުޅުންތެރިންގެ ފަރާތުން ފެންނަ ހަކަތައާއި ހުނަރާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް މަރެސްކާ ބުންޏެވެ.