ENGLISH
24 ޖުލައި 2026
ސެނެގޯލް އަތުން އެފްރިކާ ކަޕް އަތުލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ތާވަލުކޮށްފި
24 ޖުލައި 2026
|
އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތައްޓާއެކު ސެނެގޯލުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭއެފްޕީ
އެންމެ މަޤްބޫލު
ސެނެގޯލް އަތުން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށި އަތުލުމާ ގުޅިގެން، އެ ޤައުމުން ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލަ ފެންމަތިވީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރަބާތުގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި، މޮރޮކޯއަށް ލިބުނު ޕެނަލްޓީއަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ސެނެގޯލުގެ ކުޅުންތެރިން ދަނޑުން ފޭބުމާ ގުޅިގެންނެވެ. އެ މެޗުގައި 14 މިނެޓުގެ މެދުކެނޑުމަކަށްފަހު އަލުން ކުޅެން ފަށައި، 1-0 ގެ ނަތީޖާއަކުން ސެނެގޯލް މޮޅުވި ނަމަވެސް، އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކާފް) ގެ އިސްތިއުނާފު ބޯޑުން ވަނީ މިދިޔަ މާރިޗު މަހު އެ ނަތީޖާ ބާތިލުކޮށް، މޮރޮކޯ 3-0 ގެ ނަތީޖާއަކުން މޮޅުވި ކަމަށް ނިންމާފައެވެ.
މި މައްސަލައިގައި ސެނެގޯލުގެ ސަރުކާރުން ވަނީ ތަށި އަތުލި މައްސަލަ ތަހުގީގުކުރުމަށް ގޮވާލާފައެވެ. އަދި އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މި މައްސަލަ ކާސްއަށް ހުށަހަޅާފައެވެ.
ކާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނީ ސްވިޒަލެންޑުގެ ލޯޒާނުގައި ހުންނަ އެ ކޯޓުގެ މައި މަރުކަޒުގައި، ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމަށެވެ. އަދި އަޑުއެހުންތަކަށްފަހު މައްސަލަ ދިރާސާކުރަން ފަށާނެ ކަމަށާއި، ނަމަވެސް މައްސަލައިގެ ފަހުގެ ނިންމުން ނިންމާނެ ތާރީޚެއް އަދި ދަންނަވަން ދަތި ކަމަށާއި، އެއީ އަޑުއެހުން ބާއްވާ ދުވަހު ނިންމާނެ ނިންމުމެއް ނޫން ކަމަށްވެސް އެ ކޯޓުން ބުނެފައިވެއެވެ.