ENGLISH

24 ޖުލައި 2026

Advertisement

އަމާޒަކީ މަގާމުން ވަކިވުމުގެ ކުރިން އޭޝިއާގެ ތަށި ޖަޕާނަށް ހޯދައިދިނުން: މޮރިޔާސޫ

24 ޖުލައި 2026

|

އިސްމާއިލް ޝާހު

ޖަޕާނުގެ ޤައުމީ ޓީމުގެ ކޯޗު ހަޖިމޭ މޮރިޔާސޫ --- ފޮޓޯ: ރޮއިޓަރސް

މިހާރު އެންމެ ބޮޑު އަމާޒަކީ މަގާމުން ވަކިވުމުގެ ކުރިން އޭޝިއާގެ ތަށި ޖަޕާނަށް ހޯދައިދިނުން ކަމަށް އެ ޓީމުގެ ކޯޗު ހަޖިމޭ މޮރިޔާސޫ ބުނެފިއެވެ.

އަންނަ އަހަރު ބާއްވާ އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތާ ހަމައަށް ޖަޕާނުގެ ޤައުމީ ޓީމުގެ ކޯޗުގެ މަގާމުގައި މޮރިޔާސޫ ދެމިހުންނާނެ ކަމަށާއި، އެ މުބާރާތަށްފަހު އެ މަގާމާ ހަވާލުވާނީ މިހާރު 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ގޯ އޮއިވާ ކަމަށް ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޖޭއެފްއޭ) އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.

2018 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ ކޯޗުކަން ކުރަމުން އަންނަ އުމުރުން 57 އަހަރުގެ މޮރިޔާސޫ ބުނި ގޮތުގައި އޭނާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ މަގާމުން ވަކިވުމުގެ ކުރިން އޭޝިއާގެ ތަށި ޖަޕާނަށް ހޯދައިދިނުމެވެ. އެ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 އިން ފެށިހެން ފެބްރުވަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

"އެއްބަސްވުމުގައި ބާކީ އޮތީ ހަތަރު އަހަރު ކަމަށްވިޔަސް، ނުވަތަ ހަ މަސްދުވަސް ކަމަށްވިޔަސް، މަސައްކަތް ކުރާނީ އެއް އަޒުމެއްގައި. އެއީ 2050 ވަނަ އަހަރުގެ ކުރިން ޖަޕާނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުން،" މިއަދު ބޭއްވި ނޫސްވެރިންނާ ވާހަކަދައްކަމުން މޮރިޔާސޫ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޓީމަށް އެންމެ ފައިދާހުރި ގޮތްތައް ނިންމުމުގައި މާޒީއާއި، މިހާރުގެ ހާލަތާއި އަދި މުސްތަގުބަލަށް ވިސްނާނެ ކަމަށެވެ. މީގެ އިތުރުން އޭޝިއަން ކަޕަށް ޓީމު އެކުލަވާލުމުގައި އެންމެ އިސްކަމެއް ދޭނީ މުބާރާތް ކާމިޔާބުކުރުމަށް ކަމަށާއި، އެއީ ޖަޕާނުގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ފަހުން ނިމުނު ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުން ޖަޕާން ކެޓީ ބްރެޒިލް އަތުން ފަހު ވަގުތު 2-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

2019 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ފައިނަލަށް ޖަޕާން ގެންގޮސްދިން ނަމަވެސް، އެ ފަހަރު ގަތަރު އަތުން ބަލިވެ ޖަޕާނަށް ލިބުނީ ދެވަނައެވެ. އަދި 2023 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން އެ ޓީމު ކެޓީ އީރާން އަތުން ބަލިވުމުންނެވެ.

އަންނަ ޖެނުއަރީ 11 ވަނަ ދުވަހު އިންޑޮނޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗުން ޖަޕާނުގެ އޭޝިއަން ކަޕް ކެމްޕެއިން ފަށާއިރު، މޮރިޔާސޫ ބުނީ އޭނާ އޮއިވާ އާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޮއިވާގެ އިރުޝާދުގެ ދަށުން ކުޅޭ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން މިހާރުވެސް ވާނީ ސީނިއަރ ޓީމަށް ނަގައި، ތަޖުރިބާ ހޯދައިދީފައި. އަހަރެމެންގެ މެދުގައި ގާތް ގުޅުމެއް އޮންނާނެ. ނަމަވެސް އޭޝިއަން ކަޕުގައި ޓީމާ ގުޅޭ އެންމެހާ ނިންމުންތަކެއް ނިންމާނީ އަހަރެން. އަދި އެ ނިންމުންތަކުގެ ފުރިހަމަ ޒިންމާވެސް އުފުލާނަން،" މޮރިޔާސޫ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު