ENGLISH

24 ޖުލައި 2026

Advertisement

އިތުރު ހަތަރު ދާއިރާގެ ރައްޔިތުން ރައީސްއާ ބައްދަލުކުރަން ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި

24 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އުނގޫފާރަށް ވަޑައިގެންނެވުން - ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުކޮށްލައްވަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން އިތުރު 4 ދާއިރާއެއްގެ ރައްޔިތުންނަށް ފުރުސަތު ހުޅުވާލައިފިއެވެ. 

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުކޮށްލައްވަން ބޭނުންވާ ބޭފުޅުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް ނަން ނޯޓުކުރެއްވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ހުޅުވާލީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް https://rayyithungeadu.presidency.gov.mv/ މެދުވެރިކޮށް 27 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރުމަށް ވަނީ އެދިފައެވެ. 

ރައީސް އާއި ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ފުރުސަތު ހުޅުވާލީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު