ENGLISH
24 ޖުލައި 2026
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލީ އާން، ކިންގްސް ބެޓަން އުފުލާލީ މިރާލް
24 ޖުލައި 2026
|
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލި އާން އާއި ކިންގްސް ބެޓަން އުފުލާލި މިރާލް --- ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިއަށްދާ މި އަހަރުގެ ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ފެތުންތެރިޔާ މުޙައްމަދު އާން ހުސައިން އުފުލާލިއިރު، ކިންގްސް ބެޓަން ފެތުންތެރިޔާ މިރާލް އައިން ލަތީފް އުފުލާލައިފިއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ގްލާސްގޯގައި ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. ކޮމަންވެލްތު ގޭމްސްއަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. ކޮމަންވެލްތު ގޭމްސްގެ މެންބަރު ޤައުމުތަކުގެ ގޮތުގައި 55 މިނިވަން ދައުލަތް އޮތް ނަމަވެސް، މި ފަހަރުގެ ގޭމްސްގައި ތަފާތު 74 ވަފުދެއް ވާދަކުރާނެއެވެ. 10 ކުޅިވަރެއްގެ 215 އިވެންޓް ހިމެނޭ މި ފަހަރުގެ ގޭމްސްއަކީ ތާރީޚުގައިވެސް އެންމެ ގިނަ އަދަދެއްގެ ޓީމު ބައިވެރިވާ ފަހަރެވެ. އެކަމަކު މުބާރާތުގައި ވާދަކުރާ އެތުލީޓުންގެ ޖުމްލަ އަދަދު ވަނީ ގާތްގަނޑަކަށް 3،000 ގެ މިންގަނޑެއްގެ ތެރޭގައި ހިފަހައްޓާފައެވެ.
ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި ރާނީ ކެމިލާ ބައިވެރިވެވަޑައިގަތެވެ. ގޭމްސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، ރަސްގެފާނު ޗާލްސް ދެއްކެވި ވާހަކަފުޅުގައި ކޮމަންވެލްތުން ރަމްޒުކޮށްދޭ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި ފަހަރުގެ ގޭމްސްގައި ވާދަކުރާ ހުރިހާ ކުޅުންތެރިން ކުރަމުންދާ ހިތްވަރާއި ބުރަ މަސައްކަތުގެ އަގުވަޒަންކުރެއްވިއެވެ.
ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އާއި ރާނީ ކެމިލާ --- ފޮޓޯ: ޕީއޭ މީޑިއާ
އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ އެތުލެޓިކްސް އާއި ސްވިމިންގ އިވެންޓުތަކުގައެވެ. މި ގޭމްސްގައި ވާދަކުރާ ސްވިމިންގ ޓީމުގައި 5 އެތުލީޓުން ހިމެނޭއިރު، އެ އެތުލީޓުންނަކީ މިރާލް، އާން، އަމްނާ ތަޒްކިޔާ މިރުސާދު، މުޙައްމަދު ރިހާން ޝިހާމް އަދި ލޫތު މުޙައްމަދު ހުސައިނެވެ. މީގެ ތެރެއިން ރިހާން އާއި އާން ވަނީ އެންމެ ފަހުން، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފައެވެ.
ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމުގައި 8 އެތުލީޓުން ހިމެނޭއިރު، އެ އެތުލީޓުންނަކީ އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަޙްމަދު، އައިޝަތު ޝަބާ ސަލީމް، އައިމިނަތު ލަޔާނާ މުޙައްމަދު، އާދަމް ރިއްފަތު، ހަސަން ސާއިދު އަދި ހުސެއިން ޒީކް ސުއާދެވެ.
ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް
މީގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު ދުވުންތެރިޔާ ސާއިދު ވަނީ 2010، 2014 އަދި 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައިވެސް ވާދަކޮށްފައެވެ. އޭގެ ތެރެއިން 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީވެސް ސާއިދެވެ. އަދި އެތުލެޓިކްސް ޓީމުގައި ހިމެނޭ ލަޔާނާ ވަނީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައިވެސް ވާދަކޮށްފައެވެ.
މި ގޭމްސްގައި ރާއްޖޭގެ ފަރާތުން ޗެފް ޑި މިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލެވެ.
މިއީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނު ފަހުން ޖެހިޖެހިގެން މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ. މި އަހަރުގެ ގޭމްސްގައި ރާއްޖެއިން ދެ ކުޅިވަރެއްގައި ވާދަކުރާއިރު، އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ގޭމްސްގައި ރާއްޖެއިން ވަނީ ފަސް ކުޅިވަރެއްގައި ވާދަކޮށްފައެވެ. އެއީ ސްވިމިންގ، އެތުލެޓިކްސް، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަނެވެ.