ENGLISH

24 ޖުލައި 2026

Advertisement

"އިގްތިސާދީ ދަތިތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ހެޔޮ ވެރިކަމެއް ކުރަމުން އަންނަކަމުގެ ހެއްކެއް"

24 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ޕީއެސްއެމް.

ރާއްޖެއަށް ދިމާވެފައިވަ އިގްތިސާދީ ދަތިތަކާއެކު ވެސް ސަރުކާރުން ދިވެހި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ހެޔޮ ވެރިކަމެއް ކުރަމުން އަންނަކަމުގެ އަލިގަދަ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެެއެެވެ.

ނައިބުރައީސް މިފަދައިން ވިދާޅުވީ މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ފަސް ސެގްމެންޓުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމާ ގުޅިގެން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ވާހަކަދައްކައިއުޅޭ ހުވަދޫ ބަހުރުވައިން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގަށް މި ސަރުކާރުން ގެނައި ތަރައްގީގެ ސަބަބުން މާލެ ސިޓީން ލަފާފުރާ މީހުންނަށާއި މާލޭގެ ޓްރެފިކަށް ބޮޑެތި ލުއިތަކެއް ލިބިގެންދިޔަކަމަށެވެ. ބޮޑުތަކުރުފާނު މަގުގެ މަޝްރޫއު އެމަނިކުފާނު ސިފަކުރެއްވީ މާލޭގެ މަލަމައްޗަށް ތާރީހީ ބަދަލެއް ގެނައި މުހިންމު މަޝްރޫއެއްގެ ގޮތުގައެވެ. ރައްޔިތުން ބޭނުންވާގޮތަށް މިފަދަ މުހިންމު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވައި ގައުމު ބިނާކުރައްވަމުން ގެންދަވާތީ އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

އެމްޓީސީސީން ވަނީ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އެމްއެމްއޭއާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކޮށްފައިވާ ސަރަހައްދު މިއަދު ހަވީރު ހުޅުވާލާފައެވެ. ނަމަވެސް، ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދި ކުދި މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ބޮޑުތަކުރުފާނު މަގުގެ މި ބައި ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު