ENGLISH

24 ޖުލައި 2026

Advertisement

ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު، އިންޑިއާގެ ސްޕޯޓްސް މިނިސްޓަރާ ބައްދަލުކުރައްވައިފި

24 ޖުލައި 2026

|

އިސްމާއިލް ޝާހު

އިންޑިއާގެ ސްޕޯޓްސް މިނިސްޓަރާއެކު ވަޒީރު ރާފިޢު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ސްކޮޓްލެންޑުގެ ގްލާސްގޯގައި އިންޑިއާގެ މިނިސްޓަރ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ ތެރޭގައި ޒުވާނުން ބަދަލުކުރުމުގެ ޕުރޮގުރާމުތަކާއި، ހުނަރު އިތުރުކުރުމުގެ ދާއިރާއިންނާއި، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އަދި ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ދެ ވަޒީރުން އިއުތިރާފުވެވަޑައިގެންނެވި ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ މެދުނުކެނޑޭ އެހީތެރިކަމަށްޓަކައި ވަޒީރު ރާފިޢު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމަންވެލްތު ކުޅިވަރާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު -- ފޮޓޯ: ކޮމަންވެލްތު ސެކްރެޓޭރިއެޓް

މީގެ އިތުރުން ވަޒީރު ރާފިޢު ވަނީ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސް 2026 އާ ގުޅުވައިގެން ބޭއްވި ކޮމަންވެލްތު ކުޅިވަރާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ފުރުސަތުގެ ސަބަބުން ދެފަރާތުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިވެ، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެއެވެ. އަދި މިއީ ކޮމަންވެލްތު ކުޅިވަރުގެ ހަރަކާތްތައް ފުޅާކޮށް ތަރައްގީކުރުމަށް ކުރަމުންދާ ގުޅިފައިވާ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށްވެސް އެ ކޮމިޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު