ENGLISH
24 ޖުލައި 2026
ބޮޑުތަކުރުފާނު މަގުގެ ތަރައްގީކުރި ބައިގައި 3100 ގަސް އިންދައިފި
24 ޖުލައި 2026
|
ބޮޑުތަކުރުފާނު މަގުގެ އުތުރުން ތަރައްގީކުރި ސަރަހައްދުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ބޮޑުތަކުރުފާނު މަގު އުތުރުގައި އަލަށް ތަރައްގީކުރި ސަރަހައްދުގައި 3100 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.
ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެމްޓީސީސީ، އެޗްޑީސީ، ބީއެމްއެލް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގުޅިގެން އިއްޔެ ހަވީރުއެވެ.
މިއީ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން އެމްއެމްއޭ ސަރަހައްދާއި ހަމައަށް ނިމިފައިވާ ސަރަހައްދު ޒީނަތްތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތުގައި މިހާތަނަށް ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން މާލެ ނޯތު ހާބަރާއި ހަމައަށް މުޅިއަކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުގައި އަލަށް މި ތަރައްޤީކުރ ސަރަހައްދުގެ އެއްގަމުތޮށި ކައިރީގައި ދިވެހި ރުއްތަކާއި، ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި، ރީތި ބަގީޗާ މާގަސްތަކުން މި ސަރަހައްދު މިހާރުވަނީ ޒީނަތްތެރި ކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުން ތަރައްގީކުރި ސަރަހައްދުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހާއި ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓަރމިލަންއިން ފެށިގެން އެމްއެމްއޭ ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދު އާންމުންނަށް ހުޅުވާލި ނަމަވެސް، ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދި ކުދ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، އެގޮތުން، އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
އިއްޔެ ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތް، ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިއަދުގެ މި ހަރަކާތުގައި، މިނިސްޓަރ އޮފް ކްލައިމަޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަލީ ޝަރީފުއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމު އާދަމްއާއި، މިނިސްޓަރ އޮފް ހެލްތު ގީލާ ޢަލީއާއި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދުއާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢުއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ހަސަން ރަޝީދުއާއި، މިނިސްޓަރ އޮފް ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރޭޓިޖިކް ކޮމިޔުނިކޭޝަން އިބްރާހިމް ހަލީލްއާއި، މިނިސްޓަރ އޮފް ޕްރެސިޑެންޓްސް އޮފީސް އޮނަރަބަލް އަބްދުﷲ ނާސިރުއާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުން ތަރައްގީކުރި ސަރަހައްދުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މީގެ އިތުރުން، މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހެން ބައެއް ވެރިންނާއި، ގިނަ އަދަދެއްގެ މުވައްޒަފުންނާއި، ބީއެމްއެލްގެ ބައެއް ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އެމްޓީސީސީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އެޗްޑީސީގެ ބައެއް މުވައްޒަފުން ބައިވެރިވެ ގަސް އިންދާފައިވެއެވެ. މީގެ ކުރިން މާލޭ އުތުރުފަރާތު ނޯތު ހާބަރުން ފެށިގެން ލޯކަލް މާރުކޭޓާއި ހަމައަށްވެސް އެމްޓީސީސީން ވަނީ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.