ENGLISH
23 ޖުލައި 2026
ޕޮލިސް މެމޯރިއަލް ޑޭގެ ރަސްމިއްޔާތު ބާއްވައި، ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށްފި
23 ޖުލައި 2026
|
ޕޮލިސް މެމޯރިއަލް ޑޭގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް އަދި ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރާ "ޕޮލިސް މެމޯރިއަލް ޑޭ" ގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. މިއީ 2012 ޖުލައި 23 ގައި ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައި ފާހަގަކުރަން ފެށި ދުވަހެކެވެ.
މިއަހަރުގެ މެމޯރިއަލް ޑޭގެ ހަރަކާތްތައް ރޭ މެންދަމު 00:00 ގައި ރަސްމީކޮށް ފަށާފައިވަނީ ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ.
ޕޮލިސް މެމޯރިއަލް ޑޭގެ ރަސްމިއްޔާތުގެ ތެރެއިން. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: ޕޮލިސް
މި ދުވަހާ ގުޅިގެން މިއަދު ހެނދުނު 06:00 ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް ދުއާކުރުން އޮތެވެ. މީގެ އިތުރުން، މެމޯރިއަލް ވޯލްގައި މައުންޓްކުރެވުނު ޝަރަފުގެ ގާޑުން މިރޭގެ 00:00 އާ ހަމައަށް ފޯރިމަރަމުން ގެންދާނެއެވެ.
ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި 5 ފުލުހެއްގެ ނަން ލިޔެވިފައިވެއެވެ. އެއީ ޝަހީދު ސާޖަންޓް ޢަލީ ނާޡިމް، ޝަހީދު ސާޖަންޓް އާދަމް ޙަލީމް، ޝަހީދު ސާޖަންޓް މިޞްބާޙު ޢަބްދުﷲ، ޝަހީދު ސާޖަންޓް އަޙްމަދު ވިފާޤް، އަދި ޝަހީދު ކޮންސްޓަބަލް ޔޫސުފް ޟަމީރެވެ.
މީގެ އިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މި ދުވަހު ވަނީ އާކޮށްފައެވެ.
އެ ބޭފުޅުންނަކީ ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމް، ޕޮލިސް ސަރޖަންޓް ޙުސައިން ޝަރީފް، ޕޮލިސް ސަރޖަންޓް ޝުޖާޢު ޢަދުނާން، ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާ، ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާޠިރު، ޕޮލިސް ލާންސް ކޯޕްރަލް ޙަސަން އަޝްރަފް، ކޮންސްޓަބަލް ޢަބްދުލްބާސިޠު، ސާޖަންޓު ފާޠިމަތު ރިފާ، ކޮންސްޓަބަލް ޙުސައިން ޤައިސް، ސާޖަންޓު މުޙައްމަދު އަރުޝަދު އަދި އެންމެ ފަހުން ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފެވެ. 2026 ޖޫން 11 ގައި "ޕޮލިސް ލޯންޗު 57" ގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާވި އަޙްމަދު ޢާސިފްގެ ހަނދާން މެމޯރިއަލް ޑޭގައި އާކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.