ENGLISH
23 ޖުލައި 2026
ގައުމީ އެއާލައިނުގެ ފިޔަ ފުޅާކުރުން؛ ޓްވިން އޮޓާގެ އައު މަރުކާއެއްގެ މަތިންދާބޯޓު ގެންނަނީ
23 ޖުލައި 2026
|
މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރާ ޓުވިން އޮޓާ މަތިންދާބޯޓެއް
އެންމެ މަޤްބޫލު
ގައުމީ އެއާލައިނުގެ މަތިންދާބޯޓު ފުލީޓު އިތުރަށް ފުޅާކޮށް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުންޏަށް ޑީއެޗްސީ-6 ޓްވިން އޮޓަ ކްލަސިކް 300-ޖީ" މަރުކާގެ މަތިންދާބޯޓުތަކެއް ގައތުމަށް ކެނެޑާރގެ ޑި ހެވެލަންޑް އެއާކްރާފްޓު ކުންފުންޏާއެކު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާޒު ވިދާޅުވީ ޓްވިން އޮޓާ ކްލެސިކް 300-ޖީ މަރުކާގެ މަތިންދާބޯޓު ރާއްްޖޭގައި އޮޕަރޭޓުކުރާ ފުރަތަމަ އެއާލައިނަށްވުމަކީ މޯލްޑިވިއަންއަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޗުއްޓީ ފެށެނީ ސީޕްލޭން ދަތުރުތަކާ ހަމައިންކަން ފާހަގަކުރައްވައި އިޔާސް ވިދާޅުވީ މި އައު މަތިންދާބޯޓުތަކާއެކު ފަސިންޖަރުންނަށް ލިބޭ ތަޖުރިބާއަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މި މަތިންދާބޯޓުތަކަކީ މުޅިން އައު ޖީލެއްގެ ބޯޓުތަކެއްކަމަށާއި، އެ ބޯޓުތަކުގައި ބޭނުންކުރަނީ ޒަމާނީ ފަހުގެ ޓެކްނޮލިޖީކަން އިޔާސް ފާހަގަކުރެއްވިއެވެ.
"ސީޕްލޭން ދަތުރުތަކަކީ ރާއްޖޭގެ ޗުއްޓީ ފެށޭ ހިސާބު، އަދި އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ކޮންމެ ދުވަހަކުވެސް ބިނާވެފައިވަނީ މި ބޯޓުތަކުގެ މައްޗަށް. މި އާ ޖީލުގެ ބޯޓުތަކުގެ ސަބަބުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދެވޭނެ،" އެމްޑީ ވިދާޅުވިއެވެ.
މި ބޯޓުތަކަކީ ކުރު ރަންވޭޓަކުން ދަތުރު ފެށުމާއި އެފަދަ ރަންވޭތަަކަށް ތިރިކުރުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ އެވިއޮނިކްސް ނިޒާމުތައް ބޭނުންކުރާ ފަސިންޖަރުންނަަށް އަރާމުވާނެ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެއްކަމަށް އިޔާސް ވިދާޅުވިއެވެ. އަދި މިބޯޓުތަކަކީ މިހާރު އެ ކުންފުނިން ރިސޯޓުތަކަށާއި ރަށްރަށަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު އިހުނަށްވުރެ ރަނގަޅުކުރުމަށް ކުރެވިގެންދާ މުހިއްމު އިންވެސްޓުމެންޓެއްގެ ގޮތުގައި ސީއީއޯ ސިފަކުރެއްވިއެވެ.
މިހާރު މޯލްޑިވިއަނުގެ ފްލީޓުގައި 25 މަަތިންދާބޯޓު އޮތްއިރު އޭގެ ތެރޭގައި ޑޭޝް-8، އޭޓީއާރް އަދި އެއާބަސް A330-200 އާއި A320 މަރުކާގެ މަތިންދާބޯޓުތަކުގެ އިތުރަށް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ 11 ޓްވިން އޮޓާ މަތިންދާބޯޓު ހިމެނެއެވެ.