ENGLISH
23 ޖުލައި 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމަށް ތުހުމަތުވާ ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި
23 ޖުލައި 2026
|
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިޔަފާރިކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ފުލުހުންގެ ހިދުމަތް
އެންމެ މަޤްބޫލު
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ ދެ މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުން މީޑިޔާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ މި މައްސަލާގައި ހައްޔަރުކުރި ޖެމެއިކާގެ ރައްޔިތެއް ކަމުގައިވާ، އުމުރުން 53 އަހަރުގެ އެންޑްރޫ ލޮއިޑް ކޯބިން މި މަހުގެ 19 ވަނަ ދުވަހު ރާއްޖެއަށް ވައިގެ މަގުން އައިއިރު އޭނާގެ ހަށިގައި މަސްތުވާތަކެތި ރައްކާކޮށްގެން އައިކަމަށް ތުހުމަތުވެ ކަސްޓަމްސްއިން ފުލުހަށް ރިޕޯޓުކުރުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެންޑްރޫގެ އިތުރަށް މި މައްސަލާގައި ދިވެހި ދެ ފިރިހެނުން ހައްޔަރުކުރިއިރު، އެއިން ބަންދުގައި ބެހެއްޓި އުމުރުން 20 އަހަރުގެ އިބްރާހީމް އަތޫފަށް ތުހުމަތުކުރަނީ އެންޑްރޫއާ ގުޅިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮޮށް ވިޔަފާރިކުރުމަށް ރޭވިކަމުގެ ތުހުމަތެވެ. އޭނާ ހައްޔަރުކުރީ ޑްރަގް އެންްފޯސްމެންޓާއި ކައުންޓާ ނާކޮޓިކްސް އިންްޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އަތޫފާއި އެންޑްރޫގެ އިތުރަށް ތިންވަނަ މީހަކު މި މައްސަލާގައި ހައްޔަރުކުރި ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އޭނާ މިނިވަންކޮށްފައިވާތީ ފުލުހުންގެ ހިދުމަތުން އޭނާގެ ވަނަވަރު އާއްމުކޮށްފައިނުވެއެވެ.
އެންޑްރޫއާއި އަތޫފު ހައްޔަރުކުރުމަށްފަހު ބަންދުގައި ބޭތިއްބުމާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން އެ ދެ މީހުންވެސް 15 ދުވަހުގެ މުހުލަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
އެ ހިދުމަތުން އިތުރަށް ބުނީ މި މައްސަލަ އެ ހިދުމަތުން މިހާރުވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.